އާންމު ދަތުރުފަތުރާއި ޕަބްލިކް ފެރީގެ ހިދުމަތް ދޭ ފަރާތްތަކަށް ކުރިންވެސް ކަނޑައެޅިފައިވާ އަގުތަކުގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.
އެމެރިކާ އާއި ޔަހޫދީ އިޒްރޭލު އިސްވެ އޮވެ، އީރާނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ. އެ ބަދަލާއެކު ރާއްޖޭގައިވެސް ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު ބޮޑުކޮށްފައިވާއިރު، ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރާ އަމިއްލަ ލޯންޗުފަހަރުގެ ޓިކެޓުގެ އަގުތައް ވަނީ ބޮޑުކޮށްފަ އެވެ.
އެސްޓީއޯގެ އޮފިޝަލަކު ’ހަފްތާ‘ އަށް ވިދާޅުވީ، އާންމު ދަތުރުފަތުރާއި ޕަބްލިކް ފެރީގެ ހިދުމަތް ދޭ ފަރާތްތަކަށް ކުރިންވެސް ކަނޑައެޅިފައިވާ އަގުތަކުގައި ތެޔޮ ފޯރުކޮށްދިނުމުގެ އިތުރުން ސަރުކާރުން މަސްވެރިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ’ފަހިހަކަތަ‘ ޕްރޮގްރާމްގެ ދަށުން، ސަބްސިޑީ ދެވިފައިވާ އަގުތަކެއްގައި ތެޔޮ ލިބޭނެ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ، މާލެ ސަރަހައްދުގައި ހުންނަ އެފްއެސްއެމްގެ ފިއުލް ޝެޑްތަކުން ތެޔޮ ވިއްކާ އަގަށް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ. އަދި އަތޮޅުތެރޭގައި އެސްޓީއޯއިން ތެޔޮ ގަނެގެން ޝެޑްތައް ހިންގާ ފަރާތްތަކަށްވެސް ކުރީގެ އަގުތަކުގައި ތެޔޮ ލިބޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށްވެސް ބުންޏެވެ.
”މި ނިންމުންތަކަކީ އާންމު ރައްޔިތުންނަށް މާލީ ގޮތުން އިތުރު ތަކުލީފެއް ކުރިމަތިނުވާނޭހެން ޕެޓްރޯލާއި ޑީސަލް ފޯރުކޮށްދިނުމަށް އެޅުނު ފިޔަވަޅުތަކެއް،“ އޮފިޝަލް ވިދާޅުވި އެވެ.



