ޓީއެފްޓީ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ވެސްޓަށް، ރަނަރަޕް ކުޑަ ވެސްޓަށް

ޓީއެފްޓީ ފުޓްސަލް މުބާރާތް ކާމިޔާބު ކުރި ވެސްޓް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިންނާއި އޮފިޝަލުން އުފާފާޅުކުރަނީ ---

ވިލިމާލޭގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް, އޮބިއަން ޓީއެފްޓީ ރަމަޟާން ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ވެސްޓް ސްޕޯޓްސް ކްލަބް ހޯދައިފި އެވެ.

ފެބްރުއަރީ 20 އިން އިއްޔެގެ ނިޔަލަށް ވިލިމާލެ ފުޓްސަލް ދަނޑުގައި ބޭއްވި ޓީއެފްޓީ ރަމަޟާން ފުޓްސަލް މުބާރާތުގެ 13 ވަނަ އެޑިޝަންގެ ފުޓްސަލްގައި މަޝްހޫރު ގިނަ ޓީމުތަކެއް ހިމެނޭހެން ޖުމުލަ 31 ޓީމަކުން ބައިވެރިވި އެވެ.

މި މުބާރާތުގެ ފައިނަލުގައި ރޭ ކުޅުނީ ވިލިމާލޭގެ އެންމެ ދުވަސްވީ އަދި އެންމެ ހިންގުންތެރި އެއް ކްލަބް, ވެސްޓް ސްޕޯޓްސް ކްލަބުގެ ދެ ޓީމެވެ. އެއީ ވެސްޓް ސްޕޯޓްސް ކްލަބާއި ކުޑަ ވެސްޓެވެ. ވެސްޓް ސްޕޯޓްސް ކްލަބުން މެޗު ކާމިޔާބު ކުރީ 5-1ގެ ނަތީޖާއަކުންނެވެ.

ވެސްޓް ސްޕޯޓްސް ކްލަބްގެ ބައެއް މެންބަރުން —

މުބާރާތަށް ވެސްޓް ސްޕޯޓްސް ކްލަބް ނުކުތީ އެންމެ ފަހުން ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ހޯދި ރާއްޖޭގެ ފިރިހެން ފުޓްސަލް ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ވަރުގަދަ ސްކޮޑަކާއެކު އެވެ.

އެގޮތުން މި އަހަރުގެ މުބާރާތަށް ވެސްޓް ސްޕޯޓްސް ކްލަބުގެ ޓީމުގައި އަބްދުﷲ ޝާފިއު (ޝާއްޕެ), އަލީ ޝިޔާހު (ޝިޔަޅޭ) އަދި އަހުމަދު ރާހިލް ރަޝީދު (ރާއްކޮ), އިޝާން އިބްރާހިމް (ސައްޓު), މުހައްމަދު އިމްރާން (އިންމި), ހުސެއިން ސޮހެއިލް (ސޯކޭ) އަދި ގޯލްކީޕަރު ޒައިދާން އަހުމަދު (އަސޫ) ވެސް ހިމެނެ އެވެ.

އޭގެ އިތުރުން ފުޓްސަލް ގައުމީ ޓީމަށް ކުޅުނު އިސްމާއިލް ވަޖީހު (ވައްޖެ) އާއި އަޔާޒް އަހުމަދު (އަޔާ) އަދި ސާމިން މުހައްމަދު ނަސީރު (ޝާއްކޮ) ވެސް މި އަހަރު ކުޅެފައިވަނީ ވެސްޓް ސްޕޯޓްސް ކްލަބަށެވެ.

ޓީއެފްޓީ ފުޓްސަލް މުބާރާތުގައި ވެސްޓް ސްޕޯޓްސް ކްލަބަށް ކުޅުނު ފުޓްސަލްގެ މަޝްހޫރު ބައެއް ކުޅުންތެރިން —

ރޭ ކުޅުނު ފައިނަލް މެޗުގައި ވެސްޓް ސްޕޯޓްސް ކްލަބުގެ ގޯލުތައް ޖަހައިދިނީ ޝާއްޕެ, ޝިޔަޅޭ, ރާއްކޮ އަދި ވައްޖެ އެވެ. މެޗުގައި ޝާއްޕެ ދެ ގޯލު ޖެހި އެވެ. ކުޑަ ވެސްޓުން ޖެހި ހަމައެކަނި ގޯލު ޖެހީ މަޝްހޫރު ފުޓްސަލް ކުޅުންތެރިޔާ އަލީ ހުމޭޒެވެ.

މި އަހަރުގެ ޓީއެފްޓީ ރަމަޟާން ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓީމަށް 50,000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 25,000 ރުފިޔާ ވަނީ ދީފަ އެވެ. މި އަހަރުގެ މުބާރާތުގެ ކިންގް އަކަށް ހޮވުނީ ކުޑަ ވެސްޓަށް ކުޅުނު ޔާމީން މުހައްމަދު (ޔާންޓޭ) އެވެ. އޭނާއަކީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް, ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026ގެވެސް ކިންގެވެ.