މާފަންނުގައި ހުރި ޕްރައިމް ފާޓިލައިޒާގެ މައި ގުދަނުގައި ރޭ ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާއާ ގުޅިގެން ހަތް މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެމްޑީއެމްއޭ) އިން ބުނެފި އެވެ.
އިއްޒުއްދީން މަގާއި ފުލޫނިޔާ މަގު ގުޅުނު ކަންމަތީގައި ޓިނާއި ދަގަނޑުން ހަދާފައިވާ އެ ގުދަނުގައި ރޯވީ ރޭ 9:30 އެހާކަންހާއިރެވެ. ކެމިކަލްވެސް ރައްކާކޮށްފައި ހުރި އެ ގުދަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އާއި އެމްއޭސީއެލްގެ ފަޔަރުން ކުރި މަސައްކަތުން ރޭ 11:00 ޖަހައިކަށްހާއިރެވެ. ނަމަވެސް އަލިފާން އެއްކޮށް ނިއްވާލެވުނީ ރޭ ފަތިހު 5:00 ޖަހާކަންހާއިރެވެ.
އެންޑީއެމްއޭ އިން މިއަދު ބުނީ، އަލިފާނުގެ ހާދިސާއާ ގުޅިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ އެންމެންގެ ހާލުވެސް ސްޓޭބަލް ކަމަށެވެ. އަދި ރޭ ދަންވަރު 2:30 އާހަމައަށް ޖުމުލަ 15 ގެއަކުން ޖުމުލަ 454 މީހަކު އެ އޮތޯރިޓީގެ އިވަކުއޭޝަން ސެންޓަރުގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށްވެސް އެންޑީއެމްއޭ އިން ބުންޏެވެ.
އޭގެ ތެރޭގައި 69 އަންހެނަކާއި 385 ފިރިހެނުން ހިމެނޭއިރު، 302 މީހުންނަކީ ބިދޭސީންނެވެ.
އެންޑީއެމްއޭ އިން ބުނީ، ވަގުތީ ގޮތުން އެހީތެރިކަން ބޭނުންވާ 10 ގެއެއްގެ 77 މީހަކަށް އެ އޮތޯރިޓީން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި 280 ބިދޭސީއަކާ އެ މީހުންގެ ވެރިފަރާތުން ހަވާލުވެފައިވާ ކަމަށާއި 20 ބިދޭސީއަކަށް ދިވެހި ރެޑް ކްރެސެންޓުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ބުންޏެވެ.



