މަރުގެ އަދަބު ކަނޑައަޅާފައިވާ އެންމެންނަށް މި ސަރުކާރުން މަރުގެ އަދަބު ތަންފީޒު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ, ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމަކީ ކުރާނަމޭ ބުނެ އެއްވެސް ސަރުކާރަކުން ނުކޮށް އޮތް ކަމެއް ކަމަށެވެ. ނަމަވެސް މިއީ މުސްލިމު އަދި އިސްލާމީ ޝަރީއަތް ހިނގާ ގައުމަކަށްވާއިރު މަރުގެ ހުކުމް އިއްވައި, ހުރިހާ މަރުހަލާއެއް ނިމިފައިވާ މީހަކަށް މަރުގެ ހުކުމް ތަންފީޒު ނުކޮށް ހުރުމަކީ ދައުލަތުގެ އެންމެ އިސްވެރިއަކަށް ހުންނަ މީހަކަށް އޮތް ’ޗޮއިސް‘ އެއް ނޫން ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ, މަރުގެ ހުކުމް ތަންފީޒުކުރުމަކީ ހަދާލެވޭ އުސޫލަކުން ނުވަތަ ގަވާއިދަކުން ކުރެވިގެންވާނެ ކަމެއް ކަމަށް ނުފެންނާތީ މަރުގެ ހުކުމް ތަންފީޒުކުރުމަށް ހާއްސަ ބިލެއް ހެދުމުގެ މަސައްކަތް ބަންޑާރަނައިބުގެ އޮފީހުން ކުރަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތް ނިމުމަކާ ހަމައަށް އައިސްފައިވާއިރު, ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރުގެ ތެރޭގައި މި ބިލު މަޖިލީހަށް ފޮނުއްވާނެ ކަމަށް ވިދާޅުވި އެވެ.
”އެ ބިލު މަޖިލީހުން ފާސްވެގެން އައުމުން, އެ ބިލު ތަސްދީގު ކުރެވުނީމައި, ޝަރުއީ ހުރިހާ މަރުހަލާއެއް ފުރިހަމަވެފައިވާ އަދި ފުރިހަމަވާ ހުރިހާ ފަރާތްތަކެއްގެ މަރުގެ އަދަބު ތަންފީޒު, އިރާދަކުރެއްވިއްޔާ މި ސަރުކާރުން ކުރާނަން,“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ, ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމަކީ އަދުލު އިންސާފު ގާއިމުކުރުމަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ރާއްޖެ ފަދަ އިސްލާމީ ގައުމެއްގައި އެކަން ނުކޮށް ހިފަހައްޓައިގެން ތިބުމަކީ ދައުލަތަކަށް އޮތް ’ޗޮއިސް‘ އެއްވެސް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.



