ވެރިކަމުގެ ބޫތު ކައިގެން ތިބެ ކޮންމެ ރާއްޖެއަކަށް ވެސް ގެންގޮސްދާނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ޝުޖާއު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ޕީއެންއެފުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާއެއްގައި އަނެއް ދިވެހިރާއްޖެއަށް ދާންވެއްޖެ ކަމަށް ރައީސް ޔާމީން ވިދާޅުވުމާ ގުޅިގެން ޝުޖާއު ވަނީ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ޕީއެންސީގެ ފަރާތުން މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ކަމަށް ވާދަކުރައްވާ އާޝިއަތު އަލައިކާ އަދުނާންގެ ހުޅުމާލެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ އަނެއް ދިވެހިރާއްޖޭގެ ކަންކަން ހުރި ގޮތް އެންމެ ބޮޑަށް ދަންނަވަމުން ގެންދެވީ ރައީސް ޔާމީން ކަމަށެވެ.
އަނެއް ދިވެހިރާއްޖޭގައި ފަނޑިޔާރުން ވަގަށް ނަގާނެކަމާއި، ބޭނުންހާ ގޮތަކަށް ރޭގަނޑު މަޖާކޮށް އުޅެވޭނެކަމާއި، އެ ދިވެހިރާއްޖޭގައި ދިވެހިން ހޯދާފައިވާ ހަރު މުދާ ވިއްކާނެ ކަމަށް ވިސްނައިދެއްވުމަށްފަހު، އަނެއް ދިވެހިރާއްޖެއަށް ދާންވެއްޖެ ކަމަށް މިހާރު ޔާމީން ވިދާޅުވަމުންގެންދަވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
އަޅުގަނޑުމެންނަށް އަޑުއިވިގެން ދިޔައީ އަނެއް ދިވެހިރާއްޖޭގައި ހުރި ނުރަނގަޅު ކަންކަމާއި އެ ދިވެހިރާއްޖޭގައި ހުރި ނުރައްކާތެރިކަން އޭރު ވިސްނައިދެމުން ގެންދިޔަ އޭރުގެ ރައީސް އަޅުގަނޑުމެންނަށް އެ ގޮވައިލެއްވީ އެ ދިވެހިރާއްޖެއަށް އަޅުގަނޑުމެން ދާންޖެހޭނެ ކަމަށް. އެހެންވީމާ ރައްޔިތުންނޭ އަޅުގަނޑުމެން އެބަޖެހޭ ވަރަށް ބޮޑަށް ވިސްނަން. ވެރިކަމުގެ ބޫތުގައި ކާފައި ތިއްބަވައިގެން ހަމަ ކޮންމެ ރާއްޖެއަކަށް ވެސް އަޅުގަނޑުމެން ގެންގޮސްދާނެ،“ އޭނާ ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ އަނެއް ދިވެހިރާއްޖެއަށް ދާން ދިވެހީން ބޭނުންނުވާ ކަމަށާއި އަމާޒު ހިފަންވީ ދިވެހީންގެ ރާއްޖޭގެ މިނިވަންކަމާއެކީގައި އުޅެވޭތޯ ބަލަން ކަމަށެވެ.
”މި ރާއްޖޭގައި އަޅުގަނޑުމެންގެ އިޖުތިމާއީ ރައްކާތެރިކަން އޮންނާނެ، މި ރާއްޖޭގައި ސްކޫލުތަކަށް ވޭޕެއް ނުގެންދާނެ، އަދި ޖެނެރޭޝަން ބޭންއެއްގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ގޮތް އޮންނާނީ ހެދިފައި. އަދި މި ރާއްޖޭގައި މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ލިބޭނެ،“ އޭނާ ވިދާޅުވިއެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ އިޖުތިމާއީ ފޭރާން ރައްކާތެރިކޮށް ބަދަހި އާއިލާއެއްގެ ތެރެއިން ކަންކަން ތަރުތީބުކުރުމަށްޓަކައި ދިވެހީންގެ ރާއްޖޭގައި ފައިތިލަތައް ރަނގަޅަށް ސާބިތުކުރެވޭތޯ މަސައްކަތްކުރަން އެބަޖެހޭ ކަމަށާއި ދިވެހީންގެ ރާއްޖޭގައި އޮތީ ހުރިހާ ކަމެއް ފަހިކޮށް ލިބެން ކަމަށެވެ.



