ހޫތީންގެ މިސައިލުގެ ވާރޭ އިޒްރޭލަށް، ނާކާމިޔަބު ކޮށްލެވުނީ އެންމެ އެއްޗެއް!

އީރާނުން ފޮނުވާލި ހަމަލާތަކެއް އިޒްރޭލުގެ މެދުތެރެއަށް އަމާޒުވެ ގެއްލުންތަކެއް ވެފައި --- ފޮޓޯ: ރޮއިޓާސް

އެމެރިކާއާއި ޔަހޫދީ އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ތެރެއަށް ޔަމަނުގެ ހޫތީ ޖަމާއަތުން ރަސްމީކޮށް ވަދެ، އިސްރާއީލަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.

މިއީ މާރިޗު މަހުގެ ކުރީކޮޅު ހަނގުރާމަ ފެށިފަހުން ހޫތީންގެ ފަރާތުން އިޒްރޭލަށް އަމާޒުކޮށް ދިން ފުރަތަމަ ހަމަލާ އެވެ. މިއަދުގެ ހަމަލާ ފޮނުވާލުމުގެ ކުރިން އީރާނަށް ދޭ ހަމަލާތައް ނުހުއްޓައިފިނަމަ ހަނގުރާމައިގެ ތެރެއަށް ވަންނަން ތައްޔާރަށް އޮތް ކަމަށް ބުނެ ހޫތީން އިއްޔެ ވަނީ ބަޔާނެއް ނެރެފަ އެވެ.

ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީ ވިދާޅުވި ގޮތުގައި، އިޒްރޭލަށް މިއަދު ދީފައިވަނީ ބެލިސްޓިކް މިސައިލް ހަމަލާތަކެކެވެ. އެ ހަމަލާތައް އަމާޒުކޮށްފައިވަނީ އިޒްރޭލުގެ ދެކުނުގައި ހުންނަ އަސްކަރީ މަރުކަޒުތަކަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ހޫތީން ދިން ހަމަލާތަކުގެ ތެރެއިން އިޒްރޭލަށް ނާކާމިޔާބު ކޮށްލެވުނީ އެންމެ މިސައިލެއް ކަމަށް އެ މީހުން ބުނެ އެވެ.

ސަރީ ވިދާޅުވި ގޮތުގައި މި ހަމަލާތަކަކީ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށާއި ލުބުނާނުގެ އާންމު ރައްޔިތުންނަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ބަދަލުހިފުމެކެވެ

”ސަލާމަތީ ބާރުތަކުން ކުރިން ނެރުނު ބަޔާނުގައި ބުނެފައިވާ ފަދައިން، ކަނޑައެޅިފައިވާ މަގުސަދުތައް ހާސިލުވަންދެން އަދި ދިފާއީ ހުރިހާ ފްރަންޓްތަކަކަށް ދެމުންދާ ހަމަލާތައް ހުއްޓާލަންދެން ހަމަލާތައް ކުރިއަށްދާނެ،“ ސަރީ ވިދާޅުވެފައިވެ އެވެ.