12 ޓަނުގެ ކިޓްކެޓް ބަރުކޮށްގެންދިޔަ ލޮރީއެއް ހައިޖެކްކޮށް ޗޮކްލެޓްތައް ވަގަށް ގެންގޮސްފި

އީސްޓާ ފެސްޓިވަލާ ދިމާކޮށް، އިޓަލީގައި ކިޓްކެޓް ޗޮކްލެޓްގެ ބޮޑު ޝިޕްމަންޓެއް ވަގަށް ނަގައިފި އެވެ.

މިދިޔަ އާދީއްތަ ދުވަހު ހިނގި އެ ހާދިސާގައި ވަގަށް ނަގާފައިވަނީ ކިޓްކެޓުން އަލަށް ތައާރަފުކުރި ”ފޯމިއުލާ ވަން“ އެޑިޝަންގެ 413,793 ޗޮކްލެޓް ބާ ބަރުކޮށްގެން އިޓަލީން ޕޮލެންޑަށް ދަތުރުކުރި ލޮރީއެއް ހައިޖެކް ކުރުމަށްފަހު އެވެ. އެއީ ގާތްގަނޑަކަށް 12 ޓަނުގެ ޗޮކްލެޓެވެ.

ކިޓްކެޓް އުފައްދާ ކުންފުނި، ނެސްލޭއިން ބުނީ، މިއީ މުދާ އުފުލާ އުޅަނދުތަކަށް އަމާޒުކޮށްގެން ހިންގާ ޖަރީމާތައް އިތުރުވަމުންދާކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ. އަދި މިއީ ވިޔަފާރިތަކަށް އޮތް ސީރިއަސް ނުރައްކަލެއް ކަމަށްވެސް ބުންޏެވެ.

މި ވައްކަމުގެ ސަބަބުން ބާޒާރުން ކިޓްކެޓް ހުސްވެދާނެ ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށް ނެސްލޭ އިން ބުނީ މި ހާދިސާގެ ސަބަބުން ސަޕްލައިއަށް އެއްވެސް ބުރޫއެއް ނާރާނެ އެވެ. އަދި ވަގަށް ނަގާފައިވާ ޗޮކްލެޓްތައް ނުގަވާއިދުން ވިއްކުން ހުއްޓުވުމަށްޓަކައި، ކަސްޓަމަރުންނަށް ޕެކެޓުގައިވާ ބެޗް ނަމްބަރު ސްކޭންކޮށްގެން އެއީ ވަގަށް ނަގާފައިވާ މުދާތޯ ބެލޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށްވެސް ބުންޏެވެ.

ކަމާބެހޭ ފަރާތްތަކުން ދަނީ ގެއްލުނު ލޮރީއާއި ޗޮކްލެޓްތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ