އާސަންދައިގެ ދަށުން އެމްބިއުލާންސް ލިބޭނެ ހާއްސަ ހާލަތްތައް ހިމަނައިގެން ގަވާއިދަށް އިސްލާހުތަކެއް 

އާސަންދައިގެ ދަށުން އެމްބިއުލާންސް ހިދުމަތް ލިބޭނެ ހާއްސަ ހާލަތްތައް ހިމަނައިގެން އާސަންދަ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.

އާސަންދައިގެ ގަވާއިދަށް އެ ބަދަލުތައް ގެނެސްފައިވާ އިރު، މާދަމާއިން ފެށިގެ ހާއްސަ ހާލަތްތަކެއްގައި އާސަންދަ ސްކީމުގެ ދަށުން އެމްބިއުލާންސްގެ ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއުލާންކުރައްވައިފައެވެ.

ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދަށް ގެނައި ތިންވަނަ އިސްލާހު ގެޒެޓުގައި މިއަދު ޝާއިއުކޮށްފައިވާ އިރު، ހާއްސަ ހާލަތްތައް ވެސް ވަނީ ހިމަނައިފައެވެ. އެއީ؛

  • އިމަޖެންސީގައި ނުވަތަ ކުއްލި ހާލަތުގައި ހޮސްޕިޓަލަށް ގެންދާ މީހުން
  • މައްޔިތުން އުފުލުން
  • އެނދުމަތިކޮށްފައިވާ މީހުންނަށް އައުޓްޕޭޝަންޓް ހިދުމަތް ނެގުމަށް ގެނެވޭ ހާލަތްތައް
  • ވީލްޗެއާގައި ގެންގުޅޭ މީހުންނަށް އައުޓްޕޭޝަންޓް ހިދުމަތް ނެގުމަށް ގެންދާ ހާލަތާއި އެކި ކަހަލަ ޑިސްއެބިލިޓީ ހުންނަ މީހުން. އޭގެ ތެރޭގައި، ފިޒިކަލް ޑިސްއެބިލިޓީ އާއި މެންޓަލް ޑިސްއެބިލިޓީ އަދި އޯޓިޒަމް ޑައުންސިންޑްރޯމް ކަހަލަ ކަންކަން ހުންނަ މީހުންނަށް ވެސް އައުޓްޕޭޝަންޓް ހިދުމަތަށް ދިއުމަށް އާސަންދައިން އެމްބިއުލާންސް ލިބޭނެ
  • ސިއްހީ މަރުކަޒުގައި ފަރުވާ ހޯދާ މީހުން އެހެން މަރުކަޒަކަށް ފަރުވާއަށް ގެންދަންޖެހޭ ހާލަތުގައި
  • އިވެކުއޭޓް ކުރެވޭ ހާލަތުގައި ނުވަތަ ބަލި މީހާ ރާއްޖެއިން ބޭރަށް ރިފާކުރެވޭ ހާލަތުގައި އެއާޕޯޓަށް ނޫނީ ޖެޓީއަށް ގެންދިއުމަށް
  • ތެލެސީމިއާ ބަލި ތަހައްމަލުކުރާ މީހުންނަށް އައުޓްޕޭޝަންޓް ހިދުމަތަށް ގެންދެވޭ ހާލަތުގައި