ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް އެކްސިޑެންޓުވެ، ދެ މީހެއްގެ ހާލު ސީރިއަސް

ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލު ޖެހުމާ ގުޅިގެން ކާރަށް ގެއްލުންވެފައި --

ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކާރެއްގައި ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ދެ ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

ފުލުހުން މިއަދު ބުނީ މާލެ، ބޮޑުތަކުރުފާނު މަގާއި ހިތިގަސްމަގު ގުޅޭ ސަރަހައްދުގައި، ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ މިއަދު މެންދުރުފަހު 2:16 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ އެކްސިޑެންޓު ހިނގަން މެދުވެރިވީ ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކާރުގެ ފަހަތުގައި ޖެހިގެން ކަމަށާއި އެ އެކްސިޑެންޓުގައި ހިމެނޭ ސައިކަލުގައި ތިބި ދެ މީހުންނަށް އެކިވަރުގެ އަނިޔާ ލިބުމާ ގުޅިގެން، އެ މީހުންނަށް މިހާރު ދަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ސައިލަކު ދުއްވަން އިން 22 އަހަރުގެ ދިވެހި ފިރިހެނަކާއި ސައިކަލު ފަހަތުގައި އިން 19 އަހަރުގެ ދިވެހި ފިރިހެނަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.