އެމްޑީޕީގެ ލީގަލް ޑިރެކްޓަރު މައުރޫފް ވެސް މަގާމުން ވަކިކޮށްފި

އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް --

އެމްޑީޕީގެ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ (ގަފޯ) ސޮއިކުރައްވައި މައުރޫފަށް މިއަދު ފޮނުވި ސިޓީއެއްގައި ވަނީ، ލީގަލް ޑިރެކްޓަރުކަމުގެ މަގާމުން މައުރޫފް ވަކިކޮށްފައިވާކަން އަންގަވައިފައެވެ.

ގަފޫރުގެ ސިޓީގައި ވިދާޅުވެފައިވަނީ، މަގާމުގައި ހުންނަވައިގެން މައުރޫފް ޕާޓީއަށް ކޮށްދެއްވި މަސައްކަތަށް ޕާޓީގެ ނަމުގެ ޝުކުރު އަދާކުރައްވާ ކަމަށެވެ.

އެމްޑީޕީގެ ލީގަލް ޑިރެކްޓަރުކަމުގެ މަގާމުން މައުރޫފް ވަކިކުރި ސަބަބެއް އެ ޕާޓީން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އޭނާ ވަނީ އެމްޑީޕީގެ ތެރޭގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ވާހަކަތަކެއް ދައްކަވައިފައެވެ.

މައުރޫފް ވަކިކޮށްފައިވާ އިރު، އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ވެސް ވަނީ މިއަދު މަގާމުން ވަކިކޮށްފައެވެ. ނަމަވެސް ވަކިކުރި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

ގަފޫރު ސޮއިކުރައްވައި އިބުރޭއަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އެމްޑީޕީގެ އަސާސީ ގަވާއިދުގެ 70 ވަނަ މާއްދާގައި ޕާޓީގެ ޗެއާޕާސަން ކަމަށް އިންތިހާބުވާ ފަރާތަކުން ޗެއާޕާސަންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެހީތެރިވެދިނުމަށް ޗެއާޕާސަންގެ ނައިބު (އިދާރީ) އާއި ޗައާޕާސަންގެ ނައިބު (މާލީ) ގައުމީ މަޖިލީހުގެ ރުހުމާއެކު ޗެއާޕާސަން އައްޔަންކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އެ މާއްދާގައި ޗެއާޕާސަންގެ ދައުރުގެ ތެރޭގައި ޗެއާޕާސަންގެ ނައިބަކު ވަކިކޮށް، ގައުމީ މަޖިލީހުގެ ރުހުމާއެކު އެހެން ފަރާތެއް ޗެއާޕާސަންގެ ނައިބު ކަމަށް އައްޔަންކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ގަފޫރުގެ ސިޓީގައި ވިދާޅުވިއެވެ.

އެހެންކަމުން އެ މާއްދާގައި ޗެއާޕާސަންގެ ނައިބުކަމުން ވަކިކުރާ ހާލަތުގައި ގައުމީ މަޖިލީހުގެ ރުހުން އޮންނަން ޖެހޭ ކަމަށް ބުނެފައިވާތީވެ، އެމްޑީޕީގެ އަސާސީ ގަވާއިދުގެ 70 ވަނަ މާއްދާއާ ހަވާލާދީ ޗެއާޕާސަންގެ ނައިބު (އިދާރީ) ކަމުން އިބްރާހިމް ވަކިކޮށްފައިވާ ކަމަށް ސިޓީގައިވެއެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންކަމުގެ މަގާމުން އިބުރޭ ވަކިކޮށްފައި މިވަނީ، ކުރީގެ ރައީސް ނަޝީދާއި އެމްޑީޕީގެ ލީޑާޝިޕާ ދެމެދު މައްސަލަތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ލޯކަލް ކައުންސިލު އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި އެމްޑީޕީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި، ރައީސް ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ވާހަކަދެއްކެވުމުގެ ފުރުސަތު ނުދިނުމުން އެ ޖަލްސާގައި އެބޭފުޅުން ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. އޭގެ އިތުރުން ރައީސް ނަޝީދަށް ތާއީދުކުރައްވާ އިތުރު ފަރާތްތަކަކުން ވެސް ވަނީ ޖަލްސާ ބޮއިކޮޓްކޮށްފައެވެ.

އެ ޖަލްސާއަށްފަހު ގަފޫރު އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖަލްސާގައި ވާހަކަދައްކަަވަން ކުރީގެ ފައްޔާޒާއި ރައީސް ނަޝީދު އެދިވަޑައިގެންނެވި ކަމަށާއި އެ ބޭފުޅުންނަށް އެ ފުރުސަތު ހަމަޖެއްސުމަށް މަސައްކަތްކުރައްވަމުން ގެންދަވަނިކޮށް، މަސްލަހަތު ގެއްލޭ ގޮތަށް ވާހަކަ ފަތުރާފައިވާ ކަމަށެވެ.