އިސްތިއުފާއެއް ނުދޭނަން، ވޯޓު ކުރިއަށްގެންދޭ: ގަޕޯ

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ (ގަޕޯ) -- ފޮޓޯ: އެމްޑީޕީ

އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިޔަސް، އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމުގެ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް އެ މަގާމުގައި ހުންނެވި އަބްދުލްގަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ހުށަހެޅީ 55 މެންބަރުންގެ ސޮޔާއެކުއެވެ. އެ މައްސަލައަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން އިސްނަގައިގެން ހުށަހެޅި މައްސަލައެކެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ގަފޫރު މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އިސްތިއުފާ ނުދެއްވާނެ ކަމަށާއި ވޯޓު ކުރިއަށްގެންދިއުމަށް އެދޭ ކަމަށެވެ.

ގައުމީ މަޖިލީހުގެ މެންބަރުން ހުށަހެޅި ހުށަހެޅުމުގައި ބުނެފައިވަނީ، ޗެއާޕާސަންކަމުގެ މަގާމުގައި ހުންނަވައިގެން ގަފޫރު ނިންމެވުންތައް ނިންމަވަނީ ވަކި ފަރާތަކުން އަންގަވާ ގޮތަކަށް ކަމަށާއި ނިންމެވުންތައް ނިންމަވަނީ އަސާސީ ގަވާއިދާ ހިލާފަށް ކަމަށެވެ. އެގޮތުން އެމްޑީޕީގެ ޑެޕިއުޓީ ޗެއާފާސަން އިބްރާހިމް ވަހީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް ވަކިކުރައްވަން ނިންމެވުން ނިންމެވުން ވަނީ ފާހަގަކޮށްފައެވެ.

އެކަންކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އެމްޑީޕީއަށް އިތުވާން ފަށާފައިވާ ތާއީދާއި އިތުބާރު ގެއްލިދިއުމުގެ ފުރުސަތު ފުޅާވެގެންދާ ކަމަށާއި ޕާޓީގެ އާންމު މެންބަރުންގެ މެދުގައި ފިތުނަވެރިކަން އުފެދި ޕާޓީ ބައިބައިވުމަށް މަހިފަހިވާ ކަމަށް އެ ހުށަހެޅުމުގައިވެއެވެ.

އެ ހުށަހެޅުމުގައި ބުނެފައިވަނީ ގަފޫރު އެވަނީ ޕާޓީ އާއި މެންބަރުންގެ މަސްލަހަތު ހިމާޔަތްކުރަން ނުކުޅެދިފައި ކަމަށާއި އެހެންކަމުން ވަގުތީ ޗެއާޕާސަންކަމުގެ މަގާމުން ގަފޫރު ވަކިކުރުމަށް ހުށަހަޅާ ކަމަށެވެ.

އެ ހުށަހެޅުމުގައި ސޮއިކުރެއްވި މެންބަރުންގެ ތެރޭގައި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޑެޕިއުޓީ ޗެއާޕާސަންކަމުގެ މަގާމުން ވަކިކުރި އިބުރޭގެ އިތުރުން ކުރީގެ މަޖިލިސް މެންބަރު ކަމަށްވާ މުހައްމަދު ޔާއީ އާއި ޔާސިރު އަބްދުއްލަތީފާއި މުހައްމަދު ނާޝިޒް ވެސް ފާހަގަކޮށްލެވެއެވެ.

މި ފަހުން އެމްޑީޕީގެ ތެރޭގައި ހަމަނުޖެހުން އުފެދިފައިވަނީ ލޯކަލް ކައުންސިލު އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި އެމްޑީޕީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދެއްކެވުމުގެ ފުރުސަތަކަށް ނަޝީދާއި ފައްޔާޒް އެދިވަޑައިގެންނެވި ނަމަވެސް، އެ ފުރުސަތު ނުދޭން ނިންމުމާ ގުޅިގެންނެވެ.