ސަލްމާއަށް އަލުން މަގާމު ދީފި

އދ. ގެ އޮފީސްތަކަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު، ބަހުސްގައި ތަގުރީރުދެއްވަނީ -- ފޮޓޯ: ފޮރިން މިނިސްޓްރީ 

ޖެނީވާގައި ހުންނަ އދ. އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދަށް އަލުން ވަޒީފާ ދީފިއެވެ.

ސަލްމާއަކީ އަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ކޮއްކޮއެކެވެ.

ސަލްމާ ވަކިކޮށްފައި ވަނީ ނިމިދިޔަ ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ވޯޓު ނުދިނުމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބު ނުކުރެވޭނެ ކަމަށް އަސްމާ ވާހަކަދައްކަވާ އޯޑިއޯއެއް ލީކުވެފައިވާ ވަނިކޮށް، މިދިޔަ ހޯމަ ދުވަހުއެވެ.

ސަލްމާގެ އިތުރުން އަސްމާގެ ހަގު ދަރިކަލުން، ރާއްޖެއިން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވެސް ވަނީ އެ ދުވަހު މަގާމުން ވަކިކޮށްފައެވެ.

އޭގެ ތެރެއިން ސަލްމާއަށް މިއަދު ވަނީ، އދ. އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުކަމުގެ މަގާމުން އަލުން ދީފައެވެ. ނަމަވެސް މުންދުއަށް މަގާމު އަލުން ދީފައެއް ނުވެއެވެ.

ސަލްމާ އަދި މުންދު ވެސް މަގާމުތަކަށް އައްޔަންކުރައްވާފައިވަނީ 2024 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.