އިޒްރޭލުން ލުބުނާނަށް ދިން ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ޔަހޫދީ އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

ދިވެހި ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އިޒްރޭލުން އިއްޔެ ލުބުނާނުގެ އެކި ސަރަހައްދުތަކަށް ދިން ރަހުމުކުޑަ ހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު މަރުވެ، އެތައް ހާސް ބަޔަކު ޒަހަމްވެފައިވާއިރު، މިފަދަ އަމަލުތަކުގެ ސަބަބުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެ، ސުލްހަ ގާއިމުކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅޭ ކަމަށެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ އިސްރާއީލުން ތަކުރާރުކޮށް ހިލާފުވަމުންދާތީ، އެ ގައުމު ޒިންމާދާރުކުރުވުމަށް ވަގުތުން ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށްވެސް ބައިނަލްއަގުވާމީ މުޖުތަމައަށް ދިވެހި ސަރުކާރުން ގޮވާލި އެވެ.

ދިވެހި ސަރުކާރުގެ ބަޔާނުގައި އިތުރަށް ބުނީ، ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ލުބުނާނުގެ ސަރުކާރާއި ރައްޔިތުންނާއެކު ސާބިތުކަމާއި އެކުގައި ކަމަށެވެ. އަދި ލުބުނާނުގެ މިނިވަންކަމާއި ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރާ ހުރިހާ މަސައްކަތަކަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެ ކަމަށްވެސް ބުނެފައިވެ އެވެ.