ސީލައިފް މައްސަލަ: އައްމަޓީގެ މައްޗަށް އުފުލި 42 ދައުވާ ވެސް ސާބިތެއް ނުވި!

ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ---

ސީލައިފް ގްލޯބަލްއިން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފްލެޓް ނުދިން މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ކުރި ހިޔާނާތުގެ ހުރިހާ ދައުވާތައް އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އައްމަޓީގެ މައްޗަށް އެ ދައުވާތައް ސާބިތުނުވާ ކަމަށް ހުކުމްކޮށްފައިވަނީ ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައެވެ.

އެ ހުކުމުގައި ވަނީ އެ ދައުވާތަކަކީ މަދަނީ ތަބީއަތުގެ ދައުވާތަކެއް ކަމަށާއި އައްމަޓީގެ އެ އަމަލުތަކާ ގުޅިގެން ފިޔަވަޅު އަޅަންޖެހެނީ މަދަނީ އަދުލުގެ ނިޒާމުގެ ތެރެއިން ކަމަށެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ އެ މައްސަލައިގައި އައްމަޓީގެ މައްޗަށް ކޮށްފައިވާ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާތަކަކީ، ގާނޫނުލްއުގޫބާތުގެ 215 ވަނަ މާއްދާގައި ބަޔާންކުރާ ހިޔާނާތްތެރިވުމުގެ ކުށުގެ އުންސުރުތައް ފުރިހަމަވާ ދައުވާތަކެއް ކަމަށް ދެކޭ ކަމަށެވެ.

އެއީ މަދަނީ ތަބީއަތުގެ މުޢާމަލާތްތަކެއް ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އެ ދައުވާތައް ސާބިތުކުރުމަށް ކޯޓަށް ހުށަހެޅި ހެކިތަކަށް އެކަށީގެންވާ މިންވަރަށް ރިއާޔަތްކުރުމާ ނުލައި އަދި ގާނޫނުގައި ހިޔާނާތްތެރިވުމުގެ ކުށް ބަޔާންކޮށްފައިވާ ގޮތަށް ރަނގަޅު ނޫން މާނަކުރުމެއް ދީގެންކަމަށް ދެކޭ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެހެންކަމުން، އެ ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ހައުސިން ޔުނިޓުތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އައްމަޓީގެ މައްޗަށް ދައުވާކޮށްފައިވަނީ 2021 ވަނަ އަހަރުގެ މެއި 30 ގައެވެ.