މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާމްދަނީގެ ގޮތުގައި މިދިޔަ މަހު 4.03 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ.
މީރާގެ ހިސާބުތައް ދައްކާގޮތުގައި އެ އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 17 ޕަސަންޓު އިތުރު އަދަދެކެވެ. އަދި މިދިޔަ ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 26.8 ޕަސަންޓު އިތުރު އަދަދެކެވެ.
މީރާއިން މައުލޫމާތުދޭ ގޮތުގައި، މިދިޔަ އަހަރުގެ މާޗް މަހު ލިބުނު އާމްދަނީއާ އަޅައިބަލާއިރު މިދިޔަ މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދައިރާގެ ޖީއެސްޓީގެ އާމްދަނީއާއި ކުންފުނިތަކާއި ފަރުދުން ނޫން އެހެން ފާރާތްތަކުން ނަގާ ޓެކުހުގެ އިތުރުން ގްރީން ޓެކުހުން ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. އޭގެ އިތުރުން، މިދިޔަ އަހަރުގެ ފެބުރުއަރީ މަހާ އަޅައިބަލާއިރު މިއަހަރުގެ ފެބުރުއަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 18.8 ޕަސަންޓު އިތުރުވުމާ ގުޅިގެން، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ، ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކުހުގެ އާމްދަނީވެސް އިތުރުވެފައިވާ ކަމަށް މީރާ އިން ބުންޞެވެ.
މިދިޔަ މަހު އަންދާޒާކޮށްފައިވާ އާމްދަނީއަށްވުރެ 26.8 ޕަސަންޓު އިތުރުވި މައިގަނޑު އެއް ސަބަބަކީ ޓޫރިޒަމް ދާއިރާއާއި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީއެސްޓީ އާއި ގްރީން ޓެކުހުން ލިބިފައިވާ އާމްދަނީގެ މިންވަރު އިތުރުވުން ކަމަށާއި މިދިޔަ މަހު ލިބިފައިވާ އާމްދަނީގެ 31.4 ޕަސަންޓަކީ ކުރީގެ ސުންގަނޑިތަކަށް ދައްކާފައިވާ ފައިސާ ކަމަށެވެ. އަދި އާމްދަނީގެ 7.6 ޕަސަންޓު ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުންކަން ވެސް މީރާއިން ފާހަގަކުރެއެވެ.
މިދިޔަ މަހު ނުލިބި ހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން މީރާއިން ވަނީ ޖުމުލަ 882 މިލިއަން ރުފިޔާ ހޯދައިފައެވެ. އޭގެ ތެރޭގައި، ނޯޓިސް ފޮނުވައިގެން 397 މިލިއަން ރުފިޔާ އަދި ޑިއުސް ކްލިއަރެންސްގެ ތެރެއިން 411 މިލިއަން ރުފިޔާ ހޯދައިފައިވެއެވެ. އޭގެ އިތުރުން، ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 13 މިލިއަން ރުފިޔާ އަދި އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 61 މިލިއަން ރުފިޔާ ވަނީ ހޯދައިފައެވެ.
މީރާގެ ހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 59.6 ޕަސަންޓު ނުވަތަ 2.4 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ރިސޯޓުތަކުގެ ކުލިން ނަގާ ޓެކުހުންނެވެ. އެއީ 10.9 ޕަސަންޓު ނުވަތަ 440 މިލިއަން ރުފިޔާއެވެ. އޭގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި 312 މިލިއަން ރުފިޔާ (7.7 ޕަސަންޓު)، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 271 މިލިއަން ރުފިޔާ (6.7 ޕަސަންޓު)، ޑިޕާޗާ ޓެކުހުގެ ގޮތުގައި 248 މިލިއަން ރުފިޔާ (6.1 ޕަސަންޓު) އަދި އާމްދަނީން ނަގާ ޓެކުހުން 198 މިލިއަން ރުފިޔާ (4.0 ހަތަރު) ލިބިފައިވެއެވެ.
މީރާއިން މިދިޔަ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 205.18 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.



