ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީގެ ވޯޓުލުން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން ބާއްވާ ބައި-އިލެކްޝަނަށް ޕީއެންސީގެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު ފަށައިފިއެވެ.

އެ ޕްރައިމަރީގައި ވާދަކުރައްވަނީ ގޮނޑި ގެއްލިވަޑައިގެންނެވި މުހައްމަދު ސިނާނާއި އައްޑޫ ސިޓީގެ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) އެވެ. ޕީއެންސީން ބުނެފައިވާ ގޮތުގައި މި ޕްރައިމަރީގައި 727 މީހަކު ވޯޓުލާނެއެވެ. ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 ގެ ނިޔަލަށެވެ.

އެ ދާއިރާގެ ބައި-އިލެކްޝަނެއް ބާއްވަން ނިންމީ ސިނާންގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ. ސިނާންގެ ގޮނޑި ގެއްލުނީ އިސްލާމިކް ބޭންކުން ނެގި ލޯނަކަށް ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާ ކޯޓު ހުކުމާ އެއްގޮތަށް ދައްކާފައި ނުވާކަން ސާބިތުވުމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6 ގައި ބޭއްވުމަށެވެ. ބައި-އިލެކްޝަނުގައި ވާދަކުރުމުގެ ފުރުސަތު މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ވަނީ ހުޅުވާލައިފައެވެ. އިދިކޮޅު އެމްޑީޕީގެ ޓިކެޓު ވަނީ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އަށް ލިބިފައެވެ.