ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، ކޯޓުތަކުގެ ވާހަކަ ދެއްކީމާ ރައްޔިތުން ހޮޑުލަވާނެ ކަމަށް ވެރިންކަން ހިންގާ ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ މި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ހުރިހާ ކަމެއް ވަރަށް ސާފުކޮށް ދިވެހި ރައްޔިތުންނަށް އެނގޭ ކަމަށާއި މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީގެ ދަށުން މިހާތަނަށް ވެރިކަން ކުރި ރައީސުން ވެރިކަމުގެ އެ ޒިންމާގައި އަމަލުކުރިގޮތް ދިވެހި ރައްޔިތުންގެ ހިތަކުން އަދި ފިލައިގެން ނުދާނެ ކަމަށެވެ.
ރައީސް ނަޝީދަށް 2008 ވަނަ އަހަރު ރައްޔިތުން ވެރިކަން ހަވާލުކުރުމުން ކަންތައް ހިނގައިދިޔަގޮތް ދިވެހި ރައްޔިތުންގެ ކޮންމެ ރައްޔިތެއްގެ ހިތުގައި މިއަދުވެސް ހަމަ އިއްޔެގައި ވީ ކަމެއް ފަދައިން އޮންނާނެ ކަމަށާއި ރާއްޖޭގެ ކޯޓުތަކާއި އިގުތިސާދު އަދި ރާއްޖޭގެ އިޖުތިމާއީ ފޭރާން ވީދާލިގޮތް ދިވެހި ރައްޔިތުންގެ ހިތަކުން އަދި ފިލައިގެން ނުދާނެ ކަމަށް ފަލާހު ވިދާޅުވިއެވެ.
”އެއިރުގެ ރައީސް ވެރިކަމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވީ ކޯޓެއްގެ ފަނޑިޔާރަކު ވަގަން ނަގައިގެން. އެހެންވީމަ ކޯޓުތަކުގެ ވާހަކަ އެ ރައީސް ދައްކާކަމަށް ވަންޏާ އަޅުގަނޑުމެން ރައްޔިތުން ހޮޑުލަވާނެ. އިގުތިސާދުގެ ވާހަކަ ދައްކާ ކަމަށްވަންޏާ، އެ ރައީސް ފައިބައިގެން ދިޔައީ ދިވެހިރާއްޖޭގެ އާމްދަނީ އެންމެ ބޮޑަށް ލިބޭ ދިވެހި ރާއްޖޭގެ މައި ދޮރާށި، އެއާޕޯޓު ވިއްކާލާފައި. ފެން ކުންފުނި ވިއްކާލާފައި، ދިރާގު ވިއްކާލާފައި. އެމްޑަބްލިއުއެސްސީ އާއި އެތައް ބޮޑެތި ކުންފުނިތައް ވިއްކާލާފައި ދިޔައީ،“ އޭނާ ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ ރައީސް ނަޝީދަށްފަހު ދެން ވެރިކަމަށް ވަޑައިގެންނެވީ ރައީސް ޔާމީން ކަމަށާއި އެންމެ ބޮޑަށް ކޯޓުތަކުގެ މައްސަލައިގައި ވަކާލާތުކުރާ އެއް ބޭފުޅަކީ ޔާމީން ކަމަށެވެ. ނަމަވެސް ފެނިގެންދިޔައީ މީހުން ޖަލަށްލަމުން ގޮސް، އެއްބަފާ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އުމުރުފުޅުން 70 އަހަރުގައި ޖަލަށް ލީތަން ކަމަށް އޭނާ ވިދާޅުވިއެވެ.
”އެހެންވީމަ މި ދަންނަވަނީ ޔާމީނު ކޯޓުތަކާއި އިޖުތިމާއީ ފޭރާމާއި މުޒާހަރާއާއި ނޫސްވެރިންނާ ވާހަކަ ދެއްކީމާ ރައްޔިތުން ހޮޑުލަވައޭ. އާދެ ނޫސްވެރިންގެ ވާހަކަ ރައީސް ޔާމީނު ދައްކާ އެބަ،“ އޭނާ ވިދާޅުވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ ނޫސްވެރިކަމާ ބެހޭގޮތުން އެކިއެކި ވާހަކަ ފަތުރާއިރުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒަށްވުރެ ބޮޑަށް ދިވެހި ނޫސްވެރިން ހިމާޔަތްކުރި ރައީސެއް މި ގައުމު ނުދެކޭ ކަމަށެވެ.









