ތިން ރައީސުންގެ އެއްބަސްވުން ތަންފީޒުކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި

ކުރީގެ ތިން ރައީސުން ކަމަށްވާ ނަޝީދު, ޔާމީން އަދި ސޯލިހު ބޭއްވެވި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވަނީ --- ފޮޓޯ: އެމްޑީޕީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ސޮއިކުރައްވާފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.

އެ ގަރާރު ގައުމީ މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލެވެ. ހުށަހެޅުމަށް ތާއީދުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމެވެ. ގަރާރު ފާސްކޮށްފައިވަނީ ބަހުސްކުރުމަށްފަހު އެ ވަގުތު ޖަލްސާއަށް ހާޒިރުވެ ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.

ގަރާރުގައި ބަޔާންކޮށްފައިވަނީ ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފާޅުގައި އަރައިގަނެ، ރައްޔިތުންނަށް ލިބެންޖެހޭ ރައްކާތެރިކަން ގެއްލިފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވައި، ފަނޑިޔާރުގެއާއި ދައުލަތުގެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލުވާލައި، ލާމަރުކަޒީ ނިޒާމު ފުނޑުފުނޑުކޮށް، ހުދުމުހުތާރު ވެރިކަމަކަށް ރާއްޖޭގެ މިސްރާބު ބަދަލުކޮށްފައިވަނީ ނިޒާމީ ގޮތެއްގައި ރޭވިގެން ކަމަށް ގަރާރުގައި ބަޔާންކޮށްފައިވެއެވެ.

ފައްޔާޒު ހުށަހެޅުއްވި ގަރާރުގައި އިތުރަށް ފާހަގަކުރައްވާފައިވަނީ އިގުތިސޯދު ހީނަރުވެ، ތަކެތީގެ އަގު އެތައް ގުނައަކުން އުފުލި، އާންމު ދިރިއުޅުމުގެ ހާލަތު ދަށަށް ގޮސްފައިވާ ކަމަށާއި، ސަރުކާރުގެ ތެރޭގައި އިސްރާފް އިތުރުވެ، ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓި، ދަރަނީގެ މިންވަރު ބޮޑުވެ ރާއްޖޭގެ ކުރިމަގު ބޮޑު ބަނަކަމެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށެވެ. އަދި މިނިވަން ނޫސްވެރިކަމަށް ހުރަސްއަޅައި، ނޫސް އިދާރާއެއް ރެއިޑްކޮށް، ނޫސްވެރިންނާއި ސުލްހަވެރި އިހުތިޖާޖުގެ ބައިވެރިން ޖަލަށްލައި، އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ގެއްލުވާލާފައިވާ ކަމަށެވެ.

ތިން ރައީސުން 15 މެއި 2026 ގައި ނެރުއްވި ގުޅިފައިވާ ބަޔާނުގައި ވަނީ ހައްޔަރުކޮށްފައިވާ ދެ ނޫސްވެރިންނާއި އިހުތިޖާޖުތަކުން ހައްޔަރުކުރި މީހުން ވަގުތުން މިނިވަންކުރުމަށް ގޮވާލައްވައިފައެވެ. އަދި ”އަދަދު“ ނޫހުގެ ނޫސްވެރިންނަށް އަމާޒުކޮށް ހިންގާ ޝަރީއަތްތައް ހުއްޓާލުމަށްވެސް ގޮވާލައްވައިފައެވެ.