ވ. އަތޮޅު ކަނޑުއަޑީގެ ހޮހޮޅައަކަށް ފީނަނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ފިންލެންޑުގެ ޑައިވަރުން ހިމެނޭ ޑޭން ޔޫރަޕްގެ ހާއްސަ ޓީމުން ކާމިޔާބުކަމާއެކު ނަގާފައިވާ އިރު، ބާކީ ތިބި ދެ ޑައިވަރުންގެ ހަށިގަނޑު ނެގުމުގެ މަސައްކަތް މާދަމާ ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
އެމީހުންގެ ހަށިގަނޑު ނެގުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ މިއަދު ހެނދުނު، ޑޭން ޔޫރަޕްގެ ހާއްސަ ޓެކްނިކަލް އަދި ކޭވް ޑައިވިން ޓީމުންނެވެ. މި މަސައްކަތުގައި އެމްއެންޑީއެފާއި ދިވެހި ފުލުހުންގެ އިތުރުން މާލޭގައި ހުންނަ އިޓަލީގެ އެމްބަސީއާ ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރިއެވެ.
އޮޕަރޭޝަންގައި ޓީމުން ވަނީ ޒަމާނީ ސާމާނު ބޭނުންކޮށްގެން ކަނޑުއަޑީގެ ހޮހަޅައިގެ އެތެރެއަށް ފީނައިފައެވެ. އޭގެ ތެރޭގައި ރީބްރީދާސް އާއި، ޑީޕީވީ އަދި ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ސާމާނު ހިމެނެއެވެ. ފިންލޭންޑުގެ ރެސްކިއު ޓީމުން ކާމިޔާބުކަމާއެކު ހޮހަޅައިގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު 30 މީޓަރުގެ ފުންމިނަށް ގެނެސްދިނުމުން، ދިވެހި ޓީމުތަކުން ވަނީ އެ ހަށިގަނޑުތައް ފެންމައްޗަށް ނެގުމުގެ މަސައްކަތް ނިންމައިފައެވެ. އެއަށްފަހު، ހަށިގަނޑުތައް ކޯސްޓްގާޑުގެ އުޅަނދުތަކަށް ވަނީ ބަދަލުކޮށްފައެވެ.


މިހާރު މި ހާއްސަ ޑައިވިން ޓީމުން ވަނީ އޮޕަރޭޝަންގެ މިއަދުގެ މަސައްކަތް ރައްކާތެރިކަމާއެކު ނިންމާލައި، ޑިކޮމްޕްރެޝަންގެ މަރުހަލާ ވެސް ފުރިހަމަކޮށްފައެވެ. މޫސުމާއި ކަނޑުގެ ހާލަތު ތަންދޭނަމަ، ގެއްލުނު އަނެއް ދެ މީހުން ހޯދުމުގެ މަސައްކަތް މާދަމާ ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ޓީމުން މަސައްކަތް ކުރަމުންދަނީ އެންމެ ފުރިހަމަ ރައްކާތެރިކަމާއެކު، ހުރިހާ ފަރާތްތަކެއް އަނބުރާ ގެނައުމަށެވެ.
ފިންލޭންޑުގެ ރެސްކިއު ޓީމުގެ ފަރާތުން ސާމީ ޕާކަރިނެން ވިދާޅުވީ، ގެއްލުނު މީހުންގެ އާއިލާތަކަށް ހަމްދަރުދީ ފޮނުވާ ކަމަށާއި، އެ މީހުން އަނބުރާ ގައުމަށް ފޮނުވުމަށް އެ ޓީމުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އަދި އިޓަލީގެ އެމްބަސީ އާއި ޑޭން ޔޫރަޕް އަދި ދިވެހި ކަމާބެހޭ ފަރާތްތަކުން ދެއްވި އެއްބާރުލުމަށް އޭނާ ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
މީގެ އިތުރުން ޑޭން ޔޫރަޕްގެ ސީއީއޯ ލައުރާ މަރޯނީ ވިދާޅުވީ، މިއަދުގެ އޮޕަރޭޝަނަކީ ބައިނަލްއަގުވާމީ ޓީމާއި ދިވެހި ކަމާބެހޭ ފަރާތްތަކުގެ ދެމެދުގައި އޮތް އިތުބާރާއި ޓެކްނިކަލް ގާބިލުކަމުގެ މައްޗަށް ބިނާވެފައިވާ ކަމެއް ކަމަށެވެ. މި އުނދަގޫ މަސައްކަތުގައި ހުރިހާ ފަރާތްތަކުން ދެއްކި ހިތްވަރާއި ފާޅުކުރި އިހުތިރާމަށް އޭނާ ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
މި މަސައްކަތުގެ މުޅި އޮޕަރޭޝަން ބިނާވެފައިވަނީ ޓީމުގެ ރައްކާތެރިކަމާއި، ހާދިސާގައި ގެއްލުނު ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކަށް ދޭންޖެހޭ އެންމެ މަތީ ދަރަޖައިގެ އިހުތިރާމުގެ މައްޗަށް ކަމަށް ޑޭން ޔޫރަޕުން ހާމަކުރެއެވެ. އެހެންކަމުން، ހަށިގަނޑުތަކާ ގުޅޭ އެއްވެސް ފޮޓޯއެއް ނުވަތަ ވީޑިއޯއެއް މީޑިއާތަކުންނާއި ސޯޝަލް މީޑިއާގައި އާންމު ނުކުރުމަށް އެދެއެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބުނީ މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 1:45 ހާއިރެވެ. މި ހާދިސާގައި ގެއްލުނީ އިޓަލީގެ ޑައިވިން އިންސްޓްރަކްޓަރަކާއި ހަތަރު ޑައިވަރުންނެވެ. އޭގެ ތެރެއިން ކުރިން ފެނިފައިވަނީ ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު އެކަންޏެވެ.









