ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ތަކުގެ މުސާރަ 33،000 ރުފިޔާއަށް ކުޑަކުރުމަށް ނިންމައިފިއެވެ.
ނޭޝަނަލް ޕޭ ކޮމިޝަނުން އިއްޔެ ވަނީ ރާއްޖޭގެ ރަށްރަށާއި ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ މުސާރަ ބޮޑުކޮށް، އެ ރައީސުންނަކީ ފުލްޓައިމްކޮށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް ނިންމައިފައެވެ.
އެގޮތުން ފުރަތަމަ ނިންމާފައިވަނީ، ސިޓީތަކުގެ ޑަބްލިޔުޑީސީ ރައީސުންނަށް މުސާރައާއި އެލަވަންސް ހިމެނޭ ގޮތުން މަހަކު 41،500 ރުފިޔާ ލިބޭ ގޮތަށެވެ. އެއީ މުސާރައިގެ ގޮތުގައި 33،000 ރުފިޔާއާއި ލިވިން އެލަވަންސްގެ ގޮތުގައި 8،500 ރުފިޔާއެވެ. ކުރިން ސިޓީތަކުގެ ޑަބްލިޔުޑީސީ ރައީސުންނަށް ލިބެމުން އައީ މަހަކު 7،000 ރުފިޔާއެވެ.
އެ ބަދަލުތަކާއެކު ފާޑުކިޔުންތައް ބޮޑުވެފައިވަނިކޮށް، ޕޭ ކޮމިޝަނުން ވަނީ ސިޓީތަކުގެ ޑަބްލިޔުޑީސީ ރައީސުންގެ މުސާރަ ކުޑަކުރުމަށް ނިންމައިފައެވެ. އެއީ ސިޓީތަކުގެ ރައީސުންނަށް މުސާރައިގެ ގޮތުގައި 33،000 ރުފިޔާ ދިނުމަށެވެ.
ޕޭ ކޮމިޝަނުން ނިންމާފައިވަނީ ރަށްރަށުގެ ޑަބްލިޔުޑީސީ ރައީސުންނަށް މަހަކު 21،000 ރުފިޔާ ދިނުމަށެވެ. އެއީ މުސާރައިގެ ގޮތުގައި 16،500 ރުފިޔާއާއި ލިވިން އެލަވަންސްގެ ގޮތުގައި 4،500 ރުފިޔާއެވެ. ކުރިން ރަށްރަށުގެ ޑަބްލިޔުޑީސީ ރައީސުންނަށް ލިބެމުން އައީ މަހަކު 6،000 ރުފިޔާއެވެ.
މީގެ އިތުރުން ނައިބު ރައީސުންނާއި މެމްބަރުންގެ މުސާރައަށް ވެސް ބަދަލު ގެނެސްފައިވެއެވެ. ޑަބްލިޔުޑީސީގެ ނައިބު ރައީސުންގެ މުސާރަ 7،000 ރުފިޔާއަށް ބޮޑުކުރުމުގެ އިތުރުން، ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް 500 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ކަނޑައަޅައިފައެވެ.
ކައުންސިލަރުންގެ މުސާރަތައް ބޮޑުކުރުމަށް ވެސް މިމަހުގެ 11 ވަނަ ދުވަހު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ. އެ ހުށަހެޅުން ހުށަހަޅުއްވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.
ކައުންސިލްތަކުގެ އޮނިގަނޑަށް ގެންނަން ފެންނަ މުސާރައިގެ އާ އަދަދުތަކެއް ވެސް ކުޑޫ ވަނީ ހުށަހަޅުއްވައިފައެވެ. އެގޮތުން ކައުންސިލްގެ ރައީސަށް 45,000 ރުފިޔާ، ކައުންސިލްގެ ނައިބު ރައީސަށް 35,000 ރުފިޔާ، އަދި ކައުންސިލް މެންބަރަކަށް 25,000 ރުފިޔާ ހަމަޖައްސަވައިދެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
މުސާރަ ބޮޑުކުރަން ހުށަހެޅުއްވި މައިގަނޑު ސަބަބެއްގެ ގޮތުގައި ކުޑޫ ފާހަގަކުރެއްވީ، ކައުންސިލްތަކުގެ އިދާރީ ބައެއް މުވައްޒަފުންގެ މުސާރަ އިންތިހާބީ ކައުންސިލަރުންނަށްވުރެ ބޮޑުވުމެވެ. އެގޮތުން ކައުންސިލްގެ ރައީސަށްވުރެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ގެ މުސާރަ ބޮޑުވުމާއި، ނައިބު ރައީސަށްވުރެ ކައުންސިލް އެގްޒެކެޓިވްއެއްގެ މުސާރަ ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިހާބުކޮށްފައި ތިބޭ ބައެއްގެ މުސާރަ، ކައުންސިލް އިދާރާގެ އާންމު މުވައްޒަފުންނަށްވުރެ ކުޑަކޮށް އޮތުމަކީ ކައުންސިލަރުންނަކީ އިދާރީ މުވައްޒަފުންނަށްވުރެ ދަށް ފަންތީގެ ބައެއް ކަމަށް ދެކޭނެ ސަބަބެއް ކަމަށް ކުޑޫގެ ސިޓީގައި ވިދާޅުވެފައިވެއެވެ. އަދި މީގެ ސަބަބުން އިންތިހާބީ އޮފިޝަލުންގެ ބާރުވެރިކަމަށް އުނިކަން އައިސް، އިދާރީ މުވައްޒަފުން މެދުވެރިކޮށް ކަންކަން ތަންފީޒުކުރުމުގައި ދަތިތަކާ ކުރިމަތިވާ ކަމަށް ވެސް ވިދާޅުވިއެވެ.







