އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ރައީސުންގެ މުސާރައަށް އަނެއްކާވެސް ބަދަލު ގެނެސްފިއެވެ.
ނޭޝަނަލް ޕޭ ކޮމިޝަނުން އިއްޔެ ވަނީ ރާއްޖޭގެ ރަށްރަށާއި ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ މުސާރަ ބޮޑުކޮށް، އެ ރައީސުންނަކީ ފުލްޓައިމްކޮށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް ނިންމައިފައެވެ.
އެގޮތުން ފުރަތަމަ ނިންމާފައިވަނީ، ސިޓީތަކުގެ ޑަބްލިޔުޑީސީ ރައީސުންނަށް މުސާރައާއި އެލަވަންސް ހިމެނޭ ގޮތުން މަހަކު 41،500 ރުފިޔާ ލިބޭ ގޮތަށެވެ. އެއީ މުސާރައިގެ ގޮތުގައި 33،000 ރުފިޔާއާއި ލިވިން އެލަވަންސްގެ ގޮތުގައި 8،500 ރުފިޔާއެވެ. ކުރިން ސިޓީތަކުގެ ޑަބްލިޔުޑީސީ ރައީސުންނަށް ލިބެމުން އައީ މަހަކު 7،000 ރުފިޔާއެވެ.
ޕޭ ކޮމިޝަނުން ނިންމާފައިވަނީ ރަށްރަށުގެ ޑަބްލިޔުޑީސީ ރައީސުންނަށް މަހަކު 21،000 ރުފިޔާ ދިނުމަށެވެ. އެއީ މުސާރައިގެ ގޮތުގައި 16،500 ރުފިޔާއާއި ލިވިން އެލަވަންސްގެ ގޮތުގައި 4،500 ރުފިޔާއެވެ. ކުރިން ރަށްރަށުގެ ޑަބްލިޔުޑީސީ ރައީސުންނަށް ލިބެމުން އައީ މަހަކު 6،000 ރުފިޔާއެވެ.
މީގެ އިތުރުން ނައިބު ރައީސުންނާއި މެމްބަރުންގެ މުސާރައަށް ވެސް ބަދަލު ގެނެސްފައިވެއެވެ. ޑަބްލިޔުޑީސީގެ ނައިބު ރައީސުންގެ މުސާރަ 7،000 ރުފިޔާއަށް ބޮޑުކުރުމުގެ އިތުރުން، ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް 500 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ކަނޑައަޅައިފައެވެ.
އެ ބަދަލުތަކާއެކު ފާޑުކިޔުންތައް ބޮޑުވެފައިވަނިކޮށް، ޕޭ ކޮމިޝަނުން ވަނީ ސިޓީތަކުގެ ޑަބްލިޔުޑީސީ ރައީސުންގެ މުސާރަ ކުޑަކުރުމަށް ނިންމައިފައެވެ. އެއީ ސިޓީތަކުގެ ރައީސުންނަށް މުސާރައިގެ ގޮތުގައި 33،000 ރުފިޔާ ދިނުމަށެވެ.
ތިންވަނަ ފަހަރަށް ގެނައި ބަދަލުތައް ލޯކަލް ގަވަމަންޓް އޮތޯރިޓީން މިހާރު ވަނީ އާންމުކޮށްފައެވެ. އެގޮތުން ސިޓީތަކުގެ ޑަބްލިޔުޑީސީގެ ރައީސުންނަށް ދެމުން އައި 7،000 ރުފިޔާގެ ބަދަލުގައި 20،000 ރުފިޔާ ދިނުމަށް ނިންމާފައިވާ އިރު، ނައިބު ރައީސުންނަށް 6،000 ރުފިޔާގެ ބަދަލުގައި ދިނުމަށް ނިންމާފައިވަނީ 7،000 ރުފިޔާގެ މުސާރައެކެވެ. އަދި މެންބަރުންނަށް 5،000 ރުފިޔާގެ ބަދަލުގައި ދިނުމަށް ނިންމާފައިވަނީ 6،000 ރުފިޔާގެ މުސާރައެކެވެ.
ރަށްރަށުގެ ޑަބްލިޔުޑީސީގެ ރައީސުންނަށް ދެމުން އައި 6،000 ރުފިޔާގެ ބަދަލުގައި 15،000 ރުފިޔާ ދިނުމަށް ނިންމާފައިވާ އިރު، ނައިބު ރައީސުންނަށް 5،000 ރުފިޔާގެ ބަދަލުގައި ދިނުމަށް ނިންމާފައިވަނީ 6،000 ރުފިޔާގެ މުސާރައެކެވެ. އަދި މެންބަރުންނަށް 4،000 ރުފިޔާގެ ބަދަލުގައި ދިނުމަށް ނިންމާފައިވަނީ 5،000 ރުފިޔާގެ މުސާރައެކެވެ.







