ހުޅުމާލޭ ކޮވިޑް ފެސިލިޓީ، ޖަލުގެ ޔުނިޓަކަށް

ހުޅުމާލޭ ކޮވިޑް ފެސިލިޓީ، ޖަލުގެ ޔުނިޓަކަށް ބަދަލުކުރުން -- ފޮޓޯ: ކަރެކްޝަންސް

ހުޅުމާލެ ފޭސް އެކެއްގައި ކުރިން ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ބޭނުންކުރި އިމާރާތް، ހުޅުމާލެ ޖަލުގެ ހަވަނަ ޔުނިޓުގެ ގޮތުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބޭނުންކުރަން ފަށައިފިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގެ ކުރިމަތީގައި ހުންނަ މި އިމާރާތަކީ ދެ ފަންގިފިލާއަށް ހަދާފައިވާ، 149 މީހުންގެ ޖާގައިގެ ތަނެކެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި މައުލޫމާތު ދީފައިވާ ގޮތުގައި، މި ޔުނިޓުގައި ފަސް ސެލް ބްލޮކް ހިމެނެއެވެ. މީގެ ތެރެއިން ފުރަތަމަ ސެލް ބްލޮކްގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ އެއްކޮށް ނިންމާލައިފައެވެ. އަދި ފުރަތަމަ ބެޗުގެ 16 ގައިދީން ވަނީ އިއްޔެގެ ވަގުތެއްގައި މި އާ ޔުނިޓަށް ބަދަލުކޮށްފައެވެ.

މި އާ ޔުނިޓަކީ ހުކުމް ތަންފީޒުކުރަމުންދާ ގައިދީންގެ ތެރެއިން ފަންނީ މަސައްކަތްތަކުގައި މާލެ ސަރަހައްދުގައި އުޅޭ ގައިދީން ބޭތިއްބުމަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ތަނެކެވެ. މީގެ އިތުރުން، މި ތަނުގައި އޭސީ ކޮށްފައިވާ ހޯލްޑިން ސެލްތައްވެސް ވަނީ ގާއިމުކޮށްފައެވެ. މިއީ ގައިދީންނަށް އެކަށީގެންވާ މާހައުލެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކޮށްފައިވާ ކަމެއް ކަމަށް ކަރެކްޝަންސްއިން ބުނެއެވެ.

މި އިމާރާތުގެ ތިރީ ފަންގިފިލާގެ ހުރިހާ މަސައްކަތެއް ކުރިއަށް އޮތް ޖޫން މަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް ކަރެކްޝަންސްއިން ލަފާކުރެއެވެ. މި މަސައްކަތް ނިމުމުން، ކޯޓުތަކަށާއި ސިއްހީ ފަރުވާއަށް މާލެ ގެންނަންޖެހޭ ގައިދީން ގެނެސް ބޭތިއްބުމަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ. ހަމައެހެންމެ، މީގެ ސަބަބުން ގައިދީން އުފުލުމަށް ކުރަންޖެހޭ ދަތުރުފަތުރުގެ ހަރަދުތައްވެސް ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް ކަރެކްޝަންސްއިން ބުންޏެވެ.