މާފުށީ ޖަލަށް ޑްރޯނެއް މެދުވެރިކޮށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގެންފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 1:00 ހާއިރުއެވެ. މި ކާމިޔާބު އޮޕަރޭޝަނަކީ މާފުށީ ޖަލާއި، މާފުށީ ޕޮލިސް ސްޓޭޝަންގެ އިތުރުން ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ހަރަކާތެކެވެ. މިފަދަ އާލާތްތައް ބޭނުންކޮށްގެން ޖަލަށް މަނާ ތަކެތި ވެއްދުމަށް ކުރާ މަސައްކަތްތައް ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން އަންނަނީ ހާއްސަ ސަމާލުކަމެއް ދެމުންނެވެ.
މި އޮޕަރޭޝަންގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓު ވަނީ ހޯދައިފައެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މި ތަކެތީގެ ވަގުތީ ބަރުދަނުގައި 395.92 ގުރާމް ހުރިކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. މިއީ ޖަލަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެވުނު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗެވެ.
މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މި ހާދިސާ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.







