މަޖިލީހުގެ ނައިބް ރައީސް ކަމަށް ވާދަނުކުރާ ކަމަށް ފަލާހު ވިދާޅުވެއްޖެ

ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު ---

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް ވާދަނުކުރައްވާނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާޙު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް ފަލާޙުގެ ނަން ވާދަކުރާ ކަމަށް މީޑިއާތަކުގައި ވާހަކަދެކެވެމުންދަނިކޮށް، އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، ”ނޫސްތަކުގެ ސަމާލުކަމަށްދަންނަވަން، އަޅުގަނޑު މަޖިލީހުގެ ނައިބު ރައީސްކަމަށް ވާދައެއްނުކުރަން.“ ކަމަށެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މިއަދު ހެނދުނު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް ދެން އަންނާނެ ބޭފުޅަކާ މެދު ޕީއެންސީގެ ތެރޭގައި މިހާރު ވަނީ މަޝްވަރާތައް ފަށާފައެވެ. ފަލާޙު މަގާމަށް ވާދަނުކުރައްވާނެކަން ހާމަކުރެއްވި ނަމަވެސް، ޕާޓީގެ އެތެރޭގައި ދެން އެންމެ ބޮޑަށް ވާހަކަދެކެވެމުންދަނީ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުގެ ނަމެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމު ހުސްވީ، އެ މަގާމުން ނާޒިމް ވަކިކުރުމުގެ މައްސަލަ މިއަދު ހެނދުނު 9:00 އަށް އެޖެންޑާކޮށްފައި ވަނިކޮށް، ހެނދުނު 8:36 ހާއިރު އޭނާ އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނާޒިމް ވަކިކުރަން ޕީއެންސީގެ ޕީޖީ ގްރޫޕުން ނިންމާފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އޭނާގެ މައްޗަށް މެންބަރުން ތުހުމަތުކުރީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެންގެވި ކަމަށެވެ. ނަމަވެސް، އިސްތިއުފާ ދެއްވުމަށްފަހު ނާޒިމް ނެރުއްވި ބަޔާނުގައި އެ ހުރިހާ ތުހުމަތުތަކެއް ވަނީ ދޮގުކުރައްވާފައެވެ.

މަޖިލީހުގެ ނައިބު ރައީސް ހޮވުމަށް ބާއްވާ ޚާއްޞަ ޖަލްސާ މާދަމާ ބޭއްވުމަށް އެޖެންޑާކޮށްފައިވާއިރު، ޕީއެންސީގެ ޕީޖީ ގްރޫޕުން ވަރަށް އަވަހަށް ވަކި ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ. ނަމަވެސް، މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ފަރާތްޕުޅުން އަދި ވަކި އެންގެވުމެއް ނާންގަވައެވެ. މަޖިލީހުގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވީ ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.