ވޯލްޑް
ކަޕް

އިނގިރޭސި ޓީމުގެ ވައިސް ކެޕްޓަނަކަށް ރައިސް 

ފީފާ ވޯލްޑް ކަޕް 2026 ގައި އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމުގެ ވައިސް ކެޕްޓަނަކަށް، އާސެނަލްގެ މިޑްފީލްޑަރު ޑެކްލަން ރައިސް ހަމަޖައްސައިފިއެވެ.

އާސެނަލަށް 22 އަހަރުގެ ދިގު އިންތިޒާރަކަށްފަހު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރި ރައިސް، އިންގްލެންޑްގެ ވައިސް ކެޕްޓަނަކަށް ހަމަޖެއްސިކަން އިނގިރޭސި ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ވަނީ އިއުލާންކޮށްފައެވެ.

އިނގިރޭސި ޓީމުގެ ކެޕްޓަން ހެރީ ކޭން ޓީމުގައި ނެތް ހާލަތްތަކުގައި ޓީމު ލީޑު ކުރުމުގެ ޒިންމާ ދެން އުފުލާނީ ރައިސްއެވެ.

މި ނިންމުމާ ގުޅޭގޮތުން ވާހަކަދައްކަމުން ކޯޗު ޓުޗެލް ބުނީ، ރައިސްގެ ލީޑަޝިޕްގެ ގާބިލުކަމާ މެދު ޝައްކެއް ނެތް ކަމަށެވެ. އަދި މީގެ ކުރިން ވެސް ގައުމީ ޓީމުގެ ކެޕްޓަން ބޭންޑު އަޅައިގެން ރައިސް ކުޅެފައިވާތީ، އޭނާއަކީ މި މަގާމަށް އެންމެ އެކަށީގެންވާ ކުޅުންތެރިޔާ ކަމަށް ޓުޗެލް ބުންޏެވެ.

އާސެނަލްގެ ކުޅުންތެރިން ޗެމްޕިއަންސް ލީގުގެ ފައިނަލަށްފަހު، މިހާރު ވަނީ ވޯލްޑް ކަޕަށް ތައްޔާރުވުމަށް އިނގިރޭސި ޓީމުގެ ކޭމްޕާ ގުޅިފައެވެ. އިނގިރޭސި ޓީމުން ވޯލްޑް ކަޕްގެ ފުރަތަމަ މެޗު ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭނީ ޖޫން 18 ގައެވެ.