އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ހާއްސަ ހަފުލާއެއްގައި މި ފަންގިފިލާ ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. މި ރަސްމިއްޔާތުގައި އެސްޓީއޯގެ ބޯޑު އަދި އެކްސްކޯ މެންބަރުންގެ އިތުރުން އެސްޓީއޯ ޖެނެރަލް ޓްރޭޑިންގެ ބެރޭންޑްތަކުގެ ސަޕްލަޔަރުންނާއި ކްލައިންޓުން ބައިވެރިވި އެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހާއްސަ ކުރެވިފައިވަނީ ހޯމް އިމްޕްރޫވްމަންޓް ސާމާނުގެ އިތުރުން ގޭތެރެ ރީތިކުރުމަށް ބޭނުންވާ ހޯމް ޑެކޯ އައިޓަމްތަކަށެވެ. އެގޮތުން އެސްޓީއޯ އިން ރާއްޖޭގައި ވިއްކަމުން އަންނަ ފިލިޕްސް, ރަސެލްހޮބްސް, އެލްޖީޓީވީ އަދި ޑައިސަންގެ ތަފާތު ގިނަ ޕްރޮޑަކްޓަކެއް ލިބެން ހުންނާނެ އެވެ.
އޭގެ އިތުރުން މި ފަންގިފިލާގައި ޕްރޮކިޔޯ ޕްލަސް އަދި ޕީކަބޫގެ އައުޓްލެޓެއްގެ އިތުރުން ރެއިންބޯ ހޯމް އިމްޕްރޫވްމަންޓްގެ ޑިސްޕްލޭ ޒޯނެއް ހުންނައިރު, ދިވެހިންގެ މެދުގައި މަޝްހޫރު ކޮފީ ބީންސް އެންޑް ޓީ ލީވްސްގެ އައުޓްލެޓެއްވެސް ވަރަށް އަވަހަށް މި ފަންގިފިލާގައި ހުޅުވިގެންދާނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ އާއެކު އެސްޓީއޯ އިން ވަނީ ޗައިނާގެ މަޝްހޫރު ބްރޭންޑެއް ކަމުގައިވާ ސުންމީ ބްރޭންޑްގެ ޕްރޮޑަކްޓްތައް ވެސް ބާޒާރަށް ތައާރަފުކޮށްފަ އެވެ.
އެސްޓީއޯ އިން ބުނި ގޮތުގައި މި ފަންގިފިލާ ހާއްސަ ކުރެވިފައިވާނީ ވިޔަފާރި ކުރުމަށް އަންނަ އާއިލާތަކަށް ފަސޭހަވާނެ ގޮތަށް ކަމަށެވެ. އެގޮތުން ތުއްތު ކުދިންނަށް ހާއްސަ ކިޑްސް ކޯނާއެއް އެއްވެސް މި ފަންގިފިލާގައި ވަނީ ހަދައިފަ އެވެ.


