ވޯލްޑް ކަޕްގައި އާޖެންޓީނާ އަތުން 3-0 އިން ބަލިވި މެޗުގައި ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން އަލްޖީރިއާގެ ފުޓުބޯޅަ ފެޑެރޭޝަނުން ފީފާގެ ރެފްރީން ކޮމިޝަނަށް ރަސްމީ ޝަކުވާ ސިޓީއެއް ފޮނުވައިފިއެވެ.
އަލްޖީރިއާގެ ޝަކުވާގައި މައިގަނޑު ދެ ހާދިސާއެއް ފާހަގަކޮށްފައިވެއެވެ. ފުރަތަމަ ހާފުގައި އާޖެންޓީނާގެ ލިއޮނެލް މެސީ އަލްޖީރިއާގެ ކެޕްޓަން އީސާ މަންދީގެ ފައިގެ ފަލަމަސްގަނޑަށް ފައިން އެރި ހާދިސާ އަކީ ފުރަތަމަ ކަންބޮޑުވުމެވެ. އެ ހާދިސާގައި މެސީއަށް އެއްވެސް އަދަބެއް ނުދީ ފަހުން އެ މެޗުގައި މެސީ ހެޓްރިކް ހެދިއެވެ. ދެވަނަ ހާދިސާ އަކީ ދެވަނަ ހާފުގައި އާޖެންޓީނާގެ އެލެކްސިސް މެކެލިސްޓާ، އިބްރާހީމް މާޒާގެ މޫނުގައި އުޅަނބޮށިން ޖެހި ހާދިސާއެވެ.
މި މެޗު ރެފްރީ ކުރީ ތަޖުރިބާކާރު ޕޮލެންޑުގެ ރެފްރީ ޝިމޯން މާޗިނިއެކެވެ. އޭނާ އަކީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ފައިނަލްގައި ރެފްރީކަން ކުރި ރެފްރީއެވެ. މެކެލިސްޓާގެ ހާދިސާ ހިނގި އިރު މާޗިނިއެކް ހުރީ އެ ހާދިސާ ހިނގި ހިސާބާ މީޓަރެއް ދުރުގައެވެ. މި ޝަކުވާގެ ސަބަބުން މާޗިނިއެކް އާއި އޭނާގެ ވީއޭއާރު ޓީމުގެ މަސައްކަތާ މެދު ސުވާލު އުފެދިފައިވެއެވެ.
މެސީގެ އެ ފައުލާ ގުޅިގެން ކާޑެއް ދައްކާފައި ނުވުމުން، މުޅި ސޯޝަލް މީޑިއާގައި ވެސް ފާޑުކިޔުން އަމާޒުވެފައިވެއެވެ. ގިނަ ބަޔަކު ދެކޭގޮތުގައި އެއީ މެސީއަށް ރަތް ކާޑު ދައްކަން ޖެހޭ ފައުލެކެވެ.


