ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ސީގައި މޮރޮކޯ އިން ސްކޮޓްލެންޑް އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެއްޖެއެވެ.
އެމެރިކާގެ ބޮސްޓަން ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފެށިތާ އެންމެ 71 ސިކުންތުގެ ތެރޭގައި މޮރޮކޯގެ އިސްމާޢީލް ސައިބާރީ ވަނީ ގޯލު ޖަހައި މެޗުގެ ލީޑު ނަގައިފައެވެ.
ގްރާންޓް ހެންލީއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ބްރާހީމް ޑިއާޒް ދިން ޕާހަކުން ސައިބާރީ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވައިލީ ވޮލީއަކުންނެވެ. ވީއޭއާރް ރިވިއުއަކަށް ފަހު ގޯލު ކަށަވަރުކޮށްދީފައިވާ އިރު، މިއީ 2026 ވޯލްޑް ކަޕްގައި އެންމެ އަވަހަށް ޖެހި ގޯލެވެ. މިއީ ސައިބާރީ، މި ވޯލްޑް ކަޕްގައި ޖެހި ދެވަނަ ގޯލެވެ.
ފުރަތަމަ ހާފުގައި މޮރޮކޯ އިން 78 އިންސައްތަ ޕޮޒެޝަން ހިފަހައްޓައި މެޗު ފުރިހަމައަށް ކޮންޓްރޯލް ކުރިއެވެ. ސްޓީވް ކްލާކްގެ ޓީމަށް ފުރުސަތެއް ތަނަވަސްކުރަން ދަތިވި އިރު، ކިއެރަން ޓިއާނީގެ ނުރައްކާތެރި ހުރަސްވެގެން ދިޔައީ ސްކޮޓްލެންޑަށް ފުރަތަމަ ހާފުގައި ލިބުނު އެންމެ ރަނގަޅު ފުރުސަތަށެވެ. މޮރޮކޯގެ އައްޒައްދީން އޫނާހީ ފޮނުވައިލި ބޯޅަ ހަނިގޮތަކަށް ބޭރަށް ދިއުމުން ފުރަތަމަ ހާފުގައި ލީޑު ފުޅާކުރުމުގެ ފުރުސަތު ގެއްލުނެވެ.
ދެވަނަ ހާފުގައި ސްކޮޓްލެންޑުން ކުރިއަށް ޖެހި މަސައްކަތްތަކެއް ކުރިއެވެ. ޖޯން މެގިން އާއި ސްކޮޓް މެކްޓޮމިނޭ، މޮރޮކޯ ޕެނަލްޓީ އޭރިއާ ތެރެއިން ވެއްޓުނު ނަމަވެސް ޕެނަލްޓީއެއް ނުލިބުނެވެ. 71 ވަނަ މިނެޓުގައި ސްކޮޓްލެންޑުން ދެ ބަދަލެއް ގެނެސް ރަޔަން ކްރިސްޓީ ބާލައި ކެނީ މެކްލީން އަދި ޗޭ އެޑަމްސް ބާލައި ލިންޑަން ޑައިކްސް ކުޅެން ނެރުނެވެ. އެ ބަދަލުތަކާއެކު ފަހު ވަގުތު ޑައިކްސް ބޮލުން ފޮނުވައިލި ބޯޅަ ގޯލާ އަމާޒުނުވެ ދިޔައީ ސްކޮޓްލެންޑަށް ލިބުނު ހިތްދަތި ވަގުތުކޮޅެއްގެ ގޮތުގައެވެ.
މި ނަތީޖާއާއެކު ގްރޫޕް ސީގައި މޮރޮކޯއިން މިވަނީ ހަތަރު ޕޮއިންޓު ހޯދައިފައެވެ. ސްކޮޓްލެންޑަށް ތިން ޕޮއިންޓު ލިބުނު އިރު، އެ މެޗު ކުޅެފައިވާ ބްރެޒިލަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި އޮތް ހެއިޓީއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. ކުރިއަށް ދެން އޮންނާނީ ބްރެޒިލާއި ހެއިޓީ ބައްދަލުކުރާ މެޗެވެ. އެ މެޗު ފެށޭނީ ރާއްޖޭގަޑިން ފަތިހު 5:30 ގައެވެ.


