ވޯލްޑް
ކަޕް

ދިހަ ކުޅުންތެރިންނާއެކު ޕެރަގުއާއީ މޮޅުވެ، ތުރުކީ ރޮއްވާލައިފި 

ތުރުކީ ކޮޅަށް ގޯލު ޖެހުމަށްފަހު ޕެރަގުއާއީގެ ގަލާޒާ އުފާފާޅުކުރަނީ -- ފޮޓޯ: ރޮއިޓާސް

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ޑީގައި ދިހަ ކުޅުންތެރިންނާއެކު ޕެރަގުއާއީ އިން 1-0 ގެ ނަތީޖާއަކުން މޮޅުވެ، ތުރުކީ ކަޓުވާލައިފިއެވެ.

އެމެރިކާގެ ލެވީސް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގެ ހަމައެކަނި ގޯލު ޖެހީ މަޓީއާސް ގަލާޒާ އެވެ. މެޗު ފެށިގެން އެންމެ 64 ސިކުންތު ތެރޭގައި ގަލާޒާ ޖެހި މި ގޯލަކީ ވޯލްޑް ކަޕް 2026 ގައި މިހާތަނަށް ޖެހި އެންމެ އަވަސް ގޯލެވެ.

ތުރުކީގެ ޑިފެންސުން ހެދި ގޯހެއްގެ ފައިދާ ނަގައި ޕެނަލްޓީ އޭރިއާ ބޭރުން ގަލާޒާ ފޮނުވާލި ބާރު ހަމަލާ ގޯލްކީޕަރު އުގާޗާން ޗާކިރްއަށް މަތަކުރެވޭ ގޮތް ވެފައެއް ނުވެއެވެ. ވައތު ފައިން ޖެހި ބާރު ހަމަލާ، އަރިމަތީ ދަނޑީގައި ޖެހިފައި ގޯލުގެ ތެރެއަށް ވަނީ ގޯލްކީޕަރަށް އެއްވެސް ފުރުސަތެއް ނުލިބިއެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޕެރަގުއާއީއަށް އުނދަގުލަކާ ކުރިމަތިވިއެވެ. ތުރުކީގެ ހަކާން ޗާލްހަނޯލޫ ކުރި ފައުލަކާ ގުޅިގެން ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ހަމަނުޖެހުން ހިނގައި ޕެރަގުއާއީގެ ތަޖުރިބާކާރު މިޑްފީލްޑަރު މިގެލް އަލްމީރޮން ތުރުކީގެ މާޓް މުލްޑުރްއާ ވާހަކަދައްކަމުން އަނގަ ނިވާކުރުމާ ގުޅިގެން ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލިއެވެ. ފީފާ އިން މި ވޯލްޑް ކަޕަށް ތަޢާރަފުކުރި އާ ގަވާއިދުގެ ދަށުން އިދިކޮޅު ކުޅުންތެރިއަކާ ނުވަތަ ރެފްރީއާ ޒުވާބު ކުރާ ވަގުތު ގަސްތުގައި އަނގަމަތީގައި އަތް އަޅައިފި ނަމަ، ސީދާ ރަތް ކާޑެއް ދައްކާނެއެވެ. މިއީ އެ ގަވާއިދުގެ ދަށުން ވޯލްޑް ކަޕް 2026 ގައި ކުޅުންތެރިއެއް ދަނޑުން ފޮނުވާލި ފުރަތަމަ ފަހަރެވެ.

އެހެންނަމަވެސް ދިހަ ކުޅުންތެރިންނާއެކު ކުޅެ ޕެރަގުއާއީ މުޅި ދެވަނަ ހާފުގައި ޑިފެންސްކޮށް 1-0 ގައި ނަތީޖާ ހިފެހެއްޓިއެވެ. ތުރުކީން މެޗުގައި 32 ހަމަލާ ފޮނުވާލި އިރު، ގޯލާ އަމާޒުކޮށްލެވުނީ އެންމެ ފަސް ހަމަލާއެވެ.

ދެވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓުގައި ކެނާން ޔިލްޑިޒް ގޯލު ކައިރިން ފޮނުވާލި ހަމަލާ ދިޔައީ އަރިމަތީ ދާގަނޑަށެވެ. މެޗުގެ 89 ވަނަ މިނެޓުގައި އުޒުން ފޮނުވާލި ބާރު ހަމަލާ ޕެރަގުއާއީގެ ގޯލްކީޕަރު ގިލް ދިފާއުކުރި އިރު، ރީބައުންސް ބޯޅަ ވެސް ބޭކާރުވިއެވެ. އެންމެ ފަހު ފުރުސަތުގައި ޑެމިރާލް ބޮލުން ފޮނުވާލި ހަމަލާ ވެސް ދިޔައީ ގޯލާ އަމާޒުނުވެއެވެ.

މި ނަތީޖާއާއެކު ދެ މެޗުން ބަލިވެ ތުރުކީ ވޯލްޑް ކަޕް 2026 އިން ކެޓީއެވެ. 2002 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވި ތުރުކީއަށް މި ނިންމާލަން ޖެހުނީ ހިތި ގޮތަކަށެވެ. މި ނަތީޖާގެ ސަބަބުން ގްރޫޕް ޑީގެ އެއްވަނަ އެމެރިކާއަށް ކަށަވަރުވި އިރު، ދެވަނަ ބުރުގެ ފުރުސަތު ޕެރަގުއާއީ އަދި އޮސްޓްރޭލިއާއަށް އެބައޮތެވެ. ޕެރަގުއާއީ އަދި އޮސްޓްރޭލިއާއަށް ވެސް ތިން ޕޮއިންޓު ލިބިފައިވާ އިރު، އެ ދެ ޓީމު ބައްދަލުކުރާ ގްރޫޕުގެ ފަހު ކުރިމަތިލުން ފޯރިގަދަވާނެއެވެ.