ވޯލްޑް
ކަޕް

ވޯލްޑް ކަޕްގެ ނޮކައުޓް ބުރަށް ދަތުރުކުރަން ބޭނުންވަނީ ކިތައް ޕޮއިންޓް؟ 

ގޯލު ޖެހުމަށްފަހު މެސީ އުފާފާޅުކުރަނީ -- ފޮޓޯ: ރޮއިޓާސް

މިއަހަރުގެ ވޯލްޑް ކަޕްގައި 48 ޓީމު ވާދަކުރާއިރު 12 ގްރޫޕުގެ ކޮންމެ ގްރޫޕަކުން ގަދަ ދެ ޓީމުގެ އިތުރުން ތިންވަނައަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު 8 ޓީމު ވެސް ގަދަ 32 އަށް ދަތުރުކުރާނެއެވެ. ކެނެޑާ، މެކްސިކޯ އަދި އެމެރިކާގައި ކުޅެމުންދާ މެޗުތަކާއެކު ގްރޫޕް ތާވަލުތައް ބައްޓަންވާން ފެށުމާއެކު ނޮކައުޓް ބުރަށް ދާން ކިހާ ވަރެއް ބޭނުންވާނެތޯ ބެލުމަށް އެކި ފަރާތްތަކުން ވަނީ ހިސާބު ޖަހަން ފަށައިފައެވެ.

ކުރީގެ ތަޖުރިބާ މަދު ނަމަވެސް ތާރީހުން ފިލާވަޅެއް

ފީފާ އިން ހިންގާ މުބާރާތެއްގައި 48 ޓީމު ވާދަކުރާ މިއީ ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރަކީ މިދިޔަ ނޮވެމްބަރުގައި ގަތަރުގައި ބޭއްވި 17 އަހަރުން ދަށުގެ ވޯލްޑް ކަޕެވެ. އެހެންކަމުން މި ފޯމެޓުގެ ސީދާ ތަޖުރިބާ އެހާ ގިނައެއް ނޫނެވެ.

ނަމަވެސް ގްރޫޕް ސްޓޭޖުގައި ތިންވަނައަށް ދާ ޓީމުތަކަށް ނޮކައުޓް ބުރަށް ދެވޭ ގޮތް ހެދުމަކީ މުޅިން އާ ކަމެއް ނޫނެވެ. އެ އުސޫލު އެންމެ ފުރަތަމަ ތައާރަފުކުރީ 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕްގައެވެ. އެ ފަހަރު ހަތަރު ޓީމުގެ ހަ ގްރޫޕުން ގަދަ ދެ ޓީމުގެ އިތުރުން ތިންވަނައިގައި އޮތް ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ހަތަރު ޓީމު ނޮކައުޓް ބުރަށް ދަތުރުކުރިއެވެ. އެއީ މޮޅަކަށް ތިން ޕޮއިންޓުގެ ބަދަލުގައި ދެ ޕޮއިންޓް ދެވޭ ޒަމާނެވެ.

ޖުމްލަ 24 ޓީމު ވާދަކުރި ފީފާ މުބާރާތްތަކާއި ކޮންޓިނެންޓަލް ޗެމްޕިއަންޝިޕްތައް ހިމެނޭ ގޮތުން 38 މުބާރާތެއް ސާވޭ ކުރުމުން ޕޮއިންޓުގެ ގޮތުން ނޮކައުޓް ބުރަށް ދެވޭނެ މިންވަރު ލަފާ ކުރެވޭނެ ގޮތެއް ފެނެއެވެ.

ޕޮއިންޓް ތަފްސީލު: ކޮންމެ އަދަދެއްގެ ފުރުސަތު ކިހާ ވަރެއް

ފަސް ޕޮއިންޓް: ގްރޫޕް ސްޓޭޖުގެ ތިން މެޗުން ފަސް ޕޮއިންޓް ހޯދި އެއްވެސް ޓީމެއް ގްރޫޕުގެ ގަދަ ދޭކުން ބޭރުވެފައެއް ނުވެއެވެ. އެހެންކަމުން ފަސް ޕޮއިންޓް ހޯދައިފި ނަމަ ނޮކައުޓް ބުރު ކަށަވަރެވެ.

ހަތަރު ޕޮއިންޓް: ހަތަރު ޕޮއިންޓާއެކު ގްރޫޕުގެ ތިންވަނައިގައި އޮވެ ކެޓީ އެންމެ ދެ ފަހަރުއެވެ. އެ ދެ ފަހަރު ވެސް ދިމާވީ 20 އަހަރުން ދަށުގެ ވޯލްޑް ކަޕްގައެވެ. ނަމަވެސް ތާރީހުގައި އަޖައިބެއް ކަހަލަ ކަމެއް ވެސް ހިނގާފައިވެއެވެ. 1994 ވަނަ އަހަރު ވޯލްޑް ކަޕްގައި ނޯވޭ ހަތަރު ޕޮއިންޓް ހޯދައިގެން ގްރޫޕުގެ ފުލުގައި ނިމުނެވެ. ހަމައެގޮތަށް ދެ އަހަރު ކުރިން ޖަރުމަނުގައި ބޭއްވި ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި ޔޫކްރޭން ވެސް ހަތަރު ޕޮއިންޓާއެކު ގްރޫޕުގެ ފުލަށް ދިޔައެވެ.

ތިން ޕޮއިންޓް: ތިން ޕޮއިންޓާއެކު ނޮކައުޓް ބުރަށް ދެވުމުގެ ކާމިޔާބީގެ ރޭޓް 50 އިންސައްތައަށް ވުރެ ތަންކޮޅެއް ދަށެވެ. ނަމަވެސް ޕޮޒިޓިވް ގޯލް ޑިފަރެންސެއް އޮތް ނަމަ ފުރުސަތު ބޮޑެވެ. ނެގެޓިވް ގޯލް ޑިފަރެންސަކާއެކު ތިން ޕޮއިންޓް ލިބިއްޖެ ނަމަ ނޮކައުޓް ބުރަށް ދެވުމުގެ ފުރުސަތު ތިން ބައިކުޅަ އެއް ބައި ވެސް ނެތެވެ. މީގައި ވެސް ތާރީހުގައި އަޖައިބެއްވެއެވެ. 2019 ވަނަ އަހަރުގެ 20 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ނޯވޭ ޕޮޒިޓިވް ގޯލް ޑިފަރެންސް 8 އޮވެ ވެސް ކެޓީއެވެ. ހޮންޑިއުރާސް އަތުން 12-0 އިން މޮޅުވި މެޗުގައި އެކަނިވެސް އާލިން ހާލަންޑް ނުވަ ގޯލު ޖެހިއެވެ. ގަތަރުގައި ބޭއްވި 48 ޓީމުގެ 17 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ތިން ޕޮއިންޓާއެކު ގްރޫޕުގެ ތިންވަނައިގައި ނިންމި ހަ ޓީމުގެ ތެރެއިން ހަތަރު ޓީމު ނޮކައުޓް ބުރަށް ދަތުރުކުރިއެވެ.

ދެ ޕޮއިންޓް: މޮޅަކަށް ތިން ޕޮއިންޓް ދެވޭ ގޮތަށް ކުޅެވުނު މުބާރާތްތަކުގެ ތެރެއިން ސާވޭ ކުރެވުނު މުބާރާތްތަކުގައި އެންމެ ދެ ޕޮއިންޓާއެކު ތިންވަނައިގެ އެންމެ ރަނގަޅު ހަތަރު ޓީމުގެ ތެރޭގައި ހިމެނުނީ ވަރަށް މަދު ފަހަރެއްގައެވެ. އެންމެ ފަހުން އެގޮތަށް ދިމާވީ މިދިޔަ އަހަރު ފަހުކޮޅު މޮރޮކޯގައި ބޭއްވި އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ޓެންޒޭނިއާ ނޮކައުޓް ބުރަށް ދަތުރުކުރި ފަހަރެވެ.

އެހެންވީމާ ކިހާ ވަރެއް ބޭނުންވާނެ؟

ތާރީހީ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިފަހަރުގެ ވޯލްޑް ކަޕްގައި ނޮކައުޓް ބުރަށް ދެވޭނެކަމުގެ ޔަގީންކަން ބޮޑުވާނީ މަދުވެގެން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ތިން ޕޮއިންޓާއެކު ޕޮޒިޓިވް ގޯލް ޑިފަރެންސެއް އޮވެއްޖެ ނަމަ ވެސް ފުރުސަތު އެބައޮތެވެ. ނަމަވެސް ދެ ޕޮއިންޓަށް ބަރޯސާވެ ތިބުމަކީ ވަރަށް ބޮޑު ނުރައްކަލެކެވެ.