އެލައިޑް އިންޝުއަރަންސްއާއި ދިރާގު ގުޅިގެން، ލިމިޓެއްނެތް ފައިބަރ ޕްލޭންތަކަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންނަށް އެލައިޑްގެ“ހޯމް ކޮންޓެންޓްސް ތަކަފުލް“ އިސްލާމިކް އިންޝުއަރަންސް ޕްލޭން ލިބޭ އަގުހުރި ޕްރޮމޯޝަނެއް ތައާރަފުކޮށްފިއެވެ.
މި ޕަރޓްނަޝިޕް ރަސްމީކޮށް އިއުލާނުކޮށްފައިވަނީ ދިރާގު ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި، މި ޕްރޮމޯޝަން އިއުލާނުކުރުމުގެ އިތުރުން ދިރާގުން ވަނީ އެލައިޑަށް ދިރާގުގެ ”އެލީޓް ކްލަބް“ ގެ ޕަރޓްނަރެއްގެ ގޮތުގައި މަރުހަބާ ކިޔައިފައެވެ.
މި ޕްރޮމޯޝަނުގެ ދަށުން، ދިރާގު ލިމިޓެއްނެތް ފައިބަރގެ ކޮންމެ ޕެކޭޖެއް މިހާރުވެސް ބޭނުންކުރަމުންދާ ކަސްޓަމަރުންނަށް އަދި މުޅިން އަލަށް ސަބްސްކްރައިބްކުރާކަސްޓަމަރުންނަށް، 150،000 ރުފިޔާއާ ހަމައަށް އެލައިޑްގެ ”ހޯމް ކޮންޓެންޓްސް ތަކަފުލް“ ޕްލޭނެއް 1 އަހަރު ދުވަހަށް މުޅިން ހިލޭ ލިބިގެންދާނެއެވެ.
މީގެ އިތުރުން، ދިރާގު ލިމިޓެއްނެތް ފައިބަރ 30އެމް އަދި އެއަށްވުރެ މަތީގެ ޕްލޭންތަކަށް އަލަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ދިރާގުގެ ފަރާތުން ”ސްމާޓްވިއު އިންޑޯ ކެމެރާ“ އެއް މުޅިން ހިލޭ ލިބިގެންދާނެއެވެ. އަދި ދިރާގު ލިމިޓެއްނެތް ފައިބަރ 50އެމް އަދި އެއަށްވުރެ މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް، މި ކެމެރާގެ އިތުރުން 12 މަސްދުވަހަށް ހިލޭ ”ކްލައުޑް ސްޓޯރޭޖް“ ސަބްސްކްރިޕްޝަން ވެސް ލިބިގެންދާނެއެވެ.
އެލައިޑްގެ ފަރާތުން ވާހަކަދައްކަވަމުން އެލައިޑް ތަކަފުލްގެ މެނޭޖަރ ފާތިމަތު ނިޒްމާ ވިދާޅުވީ ދިރާގާއި ގުޅިގެން ރާއްޖޭގެ ކޮންމެ ގޭބީސީއަކަށް ވެސް ފުރުސަތުހުޅުވައިލައިގެން، ބޭނުންތެރި އަދި ފަސޭހައިން ލިބޭނެ ރައްކާތެރިކަމުގެ ހައްލުތަކެއް ފޯރުކޮށްދިނުމުގެ މަގު ފަހިވެގެންދިޔުމަކީ އެކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ.
”އެ ގޮތުން، އިންޝުއަރެންސްގެ ދާއިރާގައި އެލައިޑްގެ ތަޖުރިބާ އަދި ހިދުމަތްތަކާއި، ދިރާގުން މުޅި ރާއްޖެއަށް ފުޅާކޮށްފައިވާ ފައިބަރގެ ނިޒާމުގެ އެހީގައި ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުމުގެ އިތުރުން، ދިގު މުއްދަތަކަށް އެ ފަރާތްތަކުގެ ދިރިއުޅުން ވެސް އިތުރަށް ފުރިހަމަވެގެންދިއުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އުންމީދެއް“ ނިޒްމާ ވިދާޅުވިއެވެ.
އެލައިޑްގެ ”ހޯމް ކޮންޓެންޓްސް ތަކަފުލް“ ޕްލޭންގެ އެހީގައި، ގޭތެރޭގައި ހުންނަ ސާމާނާއި، ހަރުކޮށްފައި ހުންނަ ތަކެއްޗާއި، ފަރުނީޗަރު ފަދަ ތަކެއްޗަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކަން ލިބޭނެއެވެ. މީގެ ތެރޭގައި އަލިފާނުގެ ހާދިސާތަކާއި، ވައްކަމާއި، އުދައެރުމާއި، ފެންބޮޑުވުން ފަދަ ކަންކަމުން ލިބޭ ގެއްލުންތައް ހިމެނެއެވެ. މި ޕްލޭނަކީ ކުއްލިއަކަށް ދިމާވާ މި ފަދަ ހާދިސާތަކުގެ ސަބަބުން ލިބޭ މާލީ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވެ، އާއިލާތަކަށް ހިތްހަމަޖެހުމާއި ރައްކާތެރިކަން ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ.


