ޖަޕާނާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވުމުން ސްވިޑެން، ވޯލްޑް ކަޕްގެ ގަދަ 32 އަށް ދަތުރުކޮށްފައިވާ އިރު، ސްވިޑެން ކޮލިފައިނުވާ ކަމަށް ހީކޮށް ގޯލު ޖެހި ފޯވާޑް އެންތަނީ އެލަންގާ ދަނޑުމައްޗަށް ވެއްޓިފައިވެއެވެ.
”ގްރޫޕް އެފް“ ގައި ދެވަނައިގައި އޮތް ޖަޕާނަށް ވުރެ ޕޮއިންޓެއް ދަށުން ތިންވަނައިގައި ނިންމި ނަމަވެސް ތިންވަނައިގައި ނިންމި ޓީމުތަކުގެ ތެރެއިން ރެންކު މަތީ ޓީމެއްގެ ގޮތުގައި ސްވީޑެން ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. ނަމަވެސް މެޗު ނިމުނު ވަގުތު ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަމުން ދިޔައިރު މޮޅުވާން ޖެހޭ ކަމަށް ހީކޮށް އެލަންގާ ދެވަނަ ގޯލެއް ޖެހުމަށް ކުޅުންތެރިންނަށް ބާރުއެޅިއެވެ.
ނޯވޭގެ ފޯވަޑް އެލެގްޒެންޑާ އިސާކް ނޫސްވެރިންނާ ވާހަކަދައްކަމުން ބުނީ، ”އެ ހިސާބުގައި އޭނާއަށް އަހަރެން ކުޑަ އެއްޗެއް ބުނިން. މެޗު ނިމެން ކައިރިވީ ވަގުތު އޭނާ ހުރީ ވަރަށް މާޔޫސްވެފައި، އެކަމަކު މިހާރު އެކަން ފަހުމުވާނެ.“ ކަމަށެވެ.
އެލަންގާ ބުނެފައިވާ ގޮތުގައި ޓީމުގެ ކުޅުންތެރިން އޭނާއާ ދިމާއަށް ހަޅޭއްލަވަން މަސައްކަތްކުރި ނަމަވެސް ކޮލިފައިވުމަށް އެންމެ ޕޮއިންޓެއް ބޭނުންވާކަން އެނގުނީ މެޗު ނިމުމުންނެވެ. ”އަހަރެން ހަމަ ގޮވީ ހިނގާށޭ އިތުރަށް ކުރިއަށް ދާން. ދުވުން ހުއްޓާލާކަށް ބޭނުމެއް ނުވި،“ އެލަންގާ ބުނެފައިވެއެވެ.
ކޮލިފައިވިކަން ނޭނގި ހުރީ ހަމައެކަނި އެލަންގާއަކަށް ނޫނެވެ. ސްވީޑެންގެ ގޯލްކީޕަރު ޔާކޮބް ވިޑެލް ޒެޓާސްޓްރޮމް ވެސް ބުނީ ”އަހަރެންނަށް ވެސް ހަމަ އެއްގޮތަކަށް ވެސް ނޭނގޭ“ ކަމަށެވެ. ޒެޓާސްޓްރޮމް ވަނީ ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް ޑައިވިން ސޭވެއްކޮށް ނަތީޖާ ހިފަހައްޓައިދީފައެވެ.


