އަލިފުށީ އެއާޕޯޓް ނުނިމި އޮތީ ފައިސާ ނެތިގެން، މި ދައުރުގައި ނިންމާ ހުޅުވާނަން: ރައީސް

ރ. އަލިފުށީގައި ހަދަން ފަށާފައިވާ އެއާޕޯޓާއި ހޮސްޕިޓަލްގެ މަސައްކަތް މި ދައުރު ނިމުމުގެ ކުރިން ނިމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އެހެން ވިދާޅުވީ، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ދެ މަޝްރޫއުއާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ، ބައެއް މަޝްރޫއުތައް ބޭނުންވާ ބާރުމިނުގައި ކުރިއަށް ނުދާ ކަމަށާއި ނަމަވެސް ސަރަހައްދީ ތަރައްގީގައި އަލިފުއްޓަކީ މުހިންމު ދައުރެއް އަދާކުރާ ރަށެއް ކަމަށެވެ. އެހެންކަމުން އެ ރަށުގެ މަޝްރޫއުތައް ހާއްސަ ސަމާލުކަމެއް ދީގެން ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.

”ދެ މަސައްކަތް ވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ. އެމްޓީސީސީއަށް ބޭނުންވާ ސާމާނު ގަތުމަށް ބޭނުންވާ ފައިނޭންސް ވަނީ ހަމަޖެހިފައި. މާ ލަސްތަކެއް ނުވެ އެމްޓީސީސީގެ ފަރާތުން އެ މަޝްރޫއުއަށް ބޭނުންވާ ސާމާނު ހޯދައި މަސައްކަތް ފެށިގެންދާނެ. މި ދެ މަޝްރޫއު މި ދައުރުގެ ތެރޭގައި ނިންމައި ހުޅުވާނަން،“ ރައީސް ވިދާޅުވި އެވެ.