ވޯލްޑް
ކަޕް

މީހަކަށް ކަމެއް ސާބިތުކޮށްދޭކަށް ނުޖެހޭ، ޕްރެޝަރެއް ނެތް: ނާގެލްސްމަން

ޖަރުމަން ކޯޗު ޔޫލިއަން ނާގެލްސްމަން -- ފޮޓޯ: ރޮއިޓާސް

އެއްވެސް މީހަކަށް އެއްޗެއް ސާބިތުކޮށްދިނުމުގެ ޕްރެޝަރެއް އިހުސާސް ނުކުރެވޭ ކަމަށް ޖަރުމަން ކޯޗު ޔޫލިއަން ނާގެލްސްމަން ބުނެފިއެވެ.

ވޯލްޑް ކަޕް ގަދަ 32 ގައި ޕެރެގުއާއީއާ ދެކޮޅަށް ޖަރުމަން ނުކުންނަ އިރު، މިއީ 12 އަހަރުގެ ތެރޭގައި ވޯލްޑް ކަޕެއްގައި ޖަރުމަން ކުޅޭ ފުރަތަމަ ނޮކްއައުޓް ބުރުގެ މެޗެވެ.

ޖަރުމަނު މި ވޯލްޑް ކަޕަށް ނުކުތީ ޖެހިޖެހިގެން ހަ މެޗުން މޮޅުވެގެންނެވެ. ގްރޫޕް އީގެ ފުރަތަމަ މެޗުގައި ކިއުރަސާއޯ 7-1 އިން ބަލިކޮށް އައިވަރީ ކޯސްޓް ކައިރިން ފަހުވަގުތު މޮޅު ހޯދައި ގްރޫޕުގެ އެއްވަނަ ކަށަވަރުކުރިއެވެ. ނަމަވެސް ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެކުއެޑޯ އަތުން 2-1 އިން ބަލިވެ، ޖެހިޖެހިގެން 12 މެޗުން މޮޅުވުމުގެ ރެކޯޑު ހެދިފައެއް ނުވެއެވެ. ޖަރުމަނު ވަނީ 2018 އަދި 2022 ގެ ވޯލްޑް ކަޕްގައި ގްރޫޕު ސްޓޭޖާ ހިސާބުން ކަޓައިފައެވެ.

”މިކަމުގައި ވަނީ ޓީމާއި ކާމިޔާބީ، ގްރޫޕެއްގެ ގޮތުގައި އަހަރެމެންގެ ތެރޭގައި އޮތް ރަނގަޅު މާހައުލު ދަނޑު މައްޗަށް ގެންނަން. އެއްވެސް މީހަކަށް ކަމެއް ސާބިތުކޮށްދޭން ޖެހޭ ކަމަކަށް ނުދެކެން، ކުޅުންތެރިންނަށް އެހީވެ މެޗަށް ތައްޔާރުކުރުން ފިޔަވައި،“ ނޫސްވެރިންގެ ބައްދަލުވުމުގައި ނާގެލްސްމަން ބުންޏެވެ.

ނާގެލްސްމަން 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ކޯޗެއްގެ ގޮތުގައި ހުރި އިރު، މިއީ އޭނާގެ ފުރަތަމަ ވޯލްޑް ކަޕެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ތިން މެޗުގައި ތިން ގޯލާއި ދެ އެސިސްޓް ހެދި ނަމަވެސް، ޖަރުމަންގެ ޑެނިޒް އުންޑާވް ފުރަތަމަ 11 ގައި ހިމަނައިފައެއް ނުވެއެވެ. އޭގެ އިތުރުން ޖަމާލް މުސިއާލާ އާއި ފްލޯރިއަން ވާޓްޒް ފޯމުގައި ނެތް ނަމަވެސް، ވަކި ލައިންއަޕެއް ބަދަލު ނުކުރާތީ ފާޑުކިޔުން ނާގެލްސްމަންއަށް އަމާޒުވެފައިވެއެވެ.

ޕެރެގުއާއީ ގަދަ 32 އަށް ދަތުރުކުރީ 48 ޓީމުގެ ތެރެއިން ތިންވަނައަށް އެންމެ ރަނގަޅު ނަތީޖާ ހޯދި 8 ޓީމުގެ ތެރޭގައި ހިމެނިގެންނެވެ. ”އެއީ ވަރަށް އުނދަގޫ ޓީމެއް. އެ ޓީމުން އަހަރެމެންގެ ކިބައިން ގިނަ ކަންކަން ބޭނުންވާނެ، މޮޅުވެއްޖެ ނަމަ ހުރިހާ ކަމެއް ފުރިހަމަ. ބަލިވެއްޖެ ނަމަ ހުރިހާ ކަމެއް ގޯސް. އެހެންވީމާ  މޮޅުވާން ޖެހޭ،“ މެޗާ ގުޅޭގޮތުން ނާގެލްސްމަން ބުންޏެވެ.

ވޯލްޑް ކަޕް 2026 ގެ ގަދަ 32 އަށް ޕެރަގުއާއީއާ ދެކޮޅަށް ޖަރުމަނުން ނުކުންނާނީ ރާއްޖޭގަޑިން މިރޭ 1:30 ގައެވެ.