ވޯލްޑް
ކަޕް

މިއުޅެނީ މެސީއަށްވުރެ ގިނަ ގޯލު ޖަހާކަށް ނޫން، ބޭނުމީ ވޯލްޑް ކަޕް ތަށި: އެމްބާޕޭ 

ފްރާންސް ކެޕްޓަން އެމްބާޕޭ، ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ -- ފޮޓޯ: ގެޓީ

ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑާ ގާތްކުރަމުން ދިޔަ ނަމަވެސް، ވޯލްޑް ކަޕްގެ ތަށި އުފުލައިލުމަށް މާ ބޮޑަށް ސަމާލުކަންދޭ ކަމަށް ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ބުނެފިއެވެ.

ވޯލްޑް ކަޕްގެ ގަދަ 32 ގެ ބުރުގައި ސްވިޑެން އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވި މެޗުގައި ވެސް އެމްބާޕޭ ވަނީ ހަ ގޯލު ޖަހައިފައެވެ. އެއާއެކު އޭނާ ވޯލްޑް ކަޕްގައި ޖެހި ގޯލުގެ އަދަދު 18 އަށް އަރާފައިވާ އިރު، އާޖެންޓީނާ ކެޕްޓަން ލިއޮނެލް މެސީ ދަމަހައްޓަމުންދާ ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑާ އަރައި ހަމަކުރުމަށް އެމްބާޕޭ ބޭނުންވަނީ އެންމެ ގޯލެކެވެ. މި ވޯލްޑް ކަޕްގައި މެސީ އަދި އެމްބާޕޭ ވެސް، ކޮންމެ ކުޅުންތެރިޔަކު ވަނީ ހަ ގޯލު ޖަހައިފައެވެ.

”އަހަރެން ގަބޫލުކުރަން މެސީ އިތުރު ގޯލު ޖަހާނެ ކަމަށް. އެހެންވީމާ އެކަމަށް މާ ބޮޑަށް ފޯކަސް ނުކުރަން. ކުރިމަތީގައި ތިބި ޓީމުތަކާއި ފައިނަލާ ކައިރިވެފައި ތިބި މިންވަރަށް އަހަރެން ބޮޑަށް ފޯކަސް ކުރަނީ،“ އެމްބާޕޭ ނޫސްވެރިންނާ ވާހަކަދައްކަމުން ބުންޏެވެ.

ގަދަ 16 ގައި ޕެރެގުއާއީއާ ދެކޮޅަށް ކުޅޭ މެޗާ ބެހޭގޮތުން ވާހަކަދައްކަމުން އެމްބާޕޭ ބުނީ ރަނގަޅު ކުރެވޭނެ ކަންތައް ބެލުމަށް ޓީމު ތައްޔާރުވާނެ ކަމަށެވެ. ”އަދިވެސް ބައެއް ސީކުއެންސްތައް އެހާ ސާފެއް ނޫން، ރަނގަޅު ކުރެވޭނެ. ނަމަވެސް ޖުމުލަކޮށް ރަނގަޅު ކަމަށް ގަބޫލުކުރަން ގޯލު ޖެހުމުގެ ގާބިލުކަމުގެ ސަބަބުން އަބަދުވެސް ލީޑު ނެގުމުގެ ފުރުސަތު އޮވޭ،“ އޭނާ ބުނެފިއެވެ.

ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދުމަށް ޕެރަގުއާއީއާ ދެކޮޅަށް ގަދަ 16 ގައި ފްރާންސް ނުކުންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. ޕެރަގުއާއީ އަކީ ޕެނަލްޓީ ޖަހައިގެން، ހަތަރު ފަހަރުގެ ޗެމްޕިއަން ޖަރުމަން ކަޓުވާލި ޓީމެވެ.