ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގެ މެޗުގައި އާޖެންޓީނާ 1-0 އިން ބަލިކުރެވޭނެ ކަމަށް ކޭޕް ވާޑޭގެ ރައީސް ޖޯސް މާރިއާ ނެވެސް ވިދާޅުވެއްޖެއެވެ.
ކޭޕް ވާޑޭ އިން މި ފަހަރު ވޯލްޑް ކަޕަށް ކޮލިފައިވީ އެ ގައުމުގެ ތާރީހުގައި ފުރަތަމަ ފަހަރަށެވެ. ގްރޫޕް ސްޓޭޖުގައި ސްޕެއިން އަދި އުރުގުއާއީއާ ދެކޮޅަށް ކުޅުނު މެޗުތައް އެއްވަރުކޮށް ތިންވަނަ މެޗުގައި ސައުދީ އެރަބިއްޔާއާ އެއްވަރުވެގެން ނޮކްއައުޓް ބުރަށް ކޮލިފައިވީ ސްޕެއިން އަތުން އުރުގުއާއީ ބަލިވުމާ ގުޅިގެންނެވެ. އެ ޓީމުގެ ފުރަތަމަ ނޮކްއައުޓް މެޗުގައި ވާދަކުރަން ޖެހެނީ މުބާރާތުގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށެވެ.
ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނެވެސް ވިދާޅުވީ ”ކޭޕް ވާޑޭ އަށް އާޖެންޓީނާ 1-0 އިން ބަލިކުރެވޭނެ ކަމަށް ގަބޫލުކުރާ“ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ”އަހަރެމެން ކުޅެނީ މޮޅުވާން“ ކަމަށާއި ޓީމަކާ މެދު އުންމީދު ކުޑަ ނަމަވެސް މޮޅުވުމުގެ އަޒުމް ހުރިނަމަ އެކަން ވެދާނެ ކަމަށެވެ.
ކޭޕް ވާޑޭ ފަދަ ކުޑަ ގައުމަކުން އަބަދުވެސް މީހުން ހައިރާންކޮށްލަން މަސައްކަތްކުރަން ޖެހޭ ކަމަށާއި އާޖެންޓީނާ ބަލިކުރެވޭނެކަމުގެ 100 ޕަސެންޓް ފުރުސަތު އެބައޮތް ކަމަށްވެސް ނެވެސް ވިދާޅުވިއެވެ.
ނެވެސް އިތުރަށް ވިދާޅުވީ ”މި ވޯލްޑް ކަޕަށް އައީ އަމިއްލަ ތަގުދީރު ލިޔަން“ ކަމަށާއި ”ޗެމްޕިއަނުންނާ ކުރިމަތިލުމަކީ އެ ތަގުދީރު“ ކަމަށެވެ. އާޖެންޓީނާ އަދި މެސީއާ ކުރިމަތިލާނީ ހަމަ އެ އަޒުމާއި އެ ހިތްވަރާއި މޮޅުވެ ދެން އޮތް ބުރަށް ދިއުމުގެ ޝައުގުވެރިކަމާއެކު ކަމަށްވެސް ވިދާޅުވިއެވެ.
އާޖެންޓީނާ ވަނީ ގްރޫޕް ސްޓޭޖުގެ ތިން މެޗުންވެސް މޮޅުވެފައެވެ. އެ ޓީމުގެ 8 ގޯލުގެ ތެރެއިން 6 ގޯލު ޖެހީ ލިއޮނެލް މެސީއެވެ. ގްރޫޕު ސްޓޭޖުގައި އޮސްޓްރިއާ، އަލްޖީރިއާ އަދި ޖޯޑަން ބަލިކޮށް އާޖެންޓީނާ ސެމީ ފައިނަލާ ހަމައަށް ދިއުމަށް އޮތީ ފަސޭހަ މަގެކެވެ.


