ދިވެހިރާއްޖެއިން ފަލަސްޠީނަށް 50،000 ޑޮލަރު އެހީގެ ގޮތުގައި ދިނުމަށް ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ، ބުދަ ދުވަހު ބޭއްވި ’އަންރުވާ ޕްލެޖިންގް ކޮންފަރެންސް’ގެ ތެރެއިންނެވެ.
މިކަން ޢިއުލާން ކުރެއްވީ، ދިވެހިރާއްޖެއިން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ.ޢަލީ ނަސީރު މުޙައްމަދު މިމަހުގެ އެއްވަނަ ދުވަހު އދގެ މައިމަރުކަޒުގައި ކުރިއަށްދިޔަ ’އަންރުވާ ޕްލެޖިންގް ކޮންފަރެންސްގައެވެ.
މިކޮންފަރެންސްގައި ޑރ.ޢަލީ ނަސީރު ދެއްކެވި ވާހަކަފުޅުގައި އަންރުވާއަށް އެހީ ފޯރުކޮށްދިނުމަކީ ހަމައެކަނި މަލީ ނިންމުމެއް ނޫންކަމަށާއި، އެއީ އިންސާނީ ކަރާމާތާއި، ބައިނަލްއަޤުވާމީ ޤަވާއިދުތަކުގެ މައްޗަށް ބިނާވެފައިވާ ނިޒާމެއް ޙިމާޔަތްކުރުމާ ގުޅުންހުރި ކަމެއް ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، މިހާރު އަންރުވާގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި، އަންރުވާ އާ ދެކޮޅަށް ކުރަމުންދާ ދޮގު ތުހުމަތުތައް ފާހަގަކޮށް، އަންރުވާގެ މުހިންމު މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ރާއްޖެއިން ވަނީ ގޮވާލައްވާފައެވެ. އަދި ރާއްޖެއިން އަބަދުވެސް ފަލަސްޠީނުގެ ރައްޔިތުންނާއެކު ތިބިކަން ވަނީ ތަކުރާރު ކުރައްވާފައެވެ.
ހަގުރާމައިގެ ސަބަބުން ފަލަސްޠީނު ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތި ޙާލަތުން އަރައިގަތުމަށް އެހީވުމަށް ރާއްޖެއިން ކޮންމެ އަހަރަކުވެސް އަންނަނީ، މާލީ އެހީ ފޯރުކޮށްދެމުންނެވެ. އަންރުވާ މެދުވެރިކޮށް މީގެކުރިން ރާއްޖެއިން ކޮންމެ އަހަރަކުވެސް 5،000 ޑޮލަރު ދެމުން ދިޔަނަމަވެސް 2024 ވަނަ އަހަރުން ފެށިގެން ސަރުކާރުން ވަނީ މިޢަދަދު 50،000 ޑޮލަރަށް އިތުރު ކޮށްފައެވެ.


