ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި ސްޕެއިނާ ދެކޮޅަށް ކުޅޭ މެޗަކީ އުމުރުން 41 އަހަރުގައި ރެކޯޑް ހަވަނަ ފީފާ ވޯލްޑް ކަޕެއްގައި ވާދަކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯގެ ވޯލްޑް ކަޕް ކެރިއަރުގެ އެންމެ ފަހު މެޗަށް ވެދާނެއެވެ. މިއީ އޭނާގެ ފަހުގެ ވޯލްޑް ކަޕްކަން އިއުލާންކުރުމުން، މެޗުން ބަލިވެއްޖެ ނަމަ، ވޯލްޑް ކަޕުން ދެން ރޮނާލްޑޯ ނުފެންނާނެއެވެ.
ފުޓުބޯޅައިގެ އެންމެ މަތީ ފެންވަރުގެ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ރޮނާލްޑޯ ވަނީ ސްޕެއިން މެޗުގެ ކުރިން އޭނާގެ މުސްތަގުބަލާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކާ ގުޅިގެން މިއީ އޭނާގެ ފަހު ވޯލްޑް ކަޕްކަން އިއުލާންކޮށްފައެވެ. ނަމަވެސް މިއީ އޭނާގެ އެންމެ ފަހު މުބާރާތްކަން ޔަގީންކޮށް ބުނެފައެއް ނުވެއެވެ. ރިޓަޔާ ކުރާނީ އަމިއްލައަށް ބޭނުންވާ ވަގުތެއްގައި ކަމަށް އޭނާ ބުނެފައިވެއެވެ. އެހެންނަމަވެސް ގިނަ ބަޔަކު ދެކޭ ގޮތުގައި މިއީ ރޮނާލްޑޯގެ ކެރިއަރުން މަދުވެފައިވާ ހަމައެކަނި ބޮޑު ތައްޓެއް ކަމުގައިވާ ވޯލްޑް ކަޕް އުފުލާލެވޭނެ އެންމެ ފަހު ފުރުސަތު ކަމަށް ބެލެވެއެވެ.
ރޮނާލްޑޯގެ ބައިނަލްއަގުވާމީ ކެރިއަރަށް ނަޒަރު ހިންގާލާއިރު، ޔޫއެފާ ޔޫރޯ ޗެމްޕިއަންޝިޕާއި ޔޫއެފާ ނޭޝަންސް ލީގުގެ ގިނަ ތަށިތަކެއް ކާމިޔާބުކޮށް، ޕޯޗުގަލް ގައުމީ ޓީމަށް 230 އަށްވުރެ ގިނަ މެޗު ކުޅެ، 146 ގޯލު ޖަހައިފައެވެ. ނަމަވެސް ވޯލްޑް ކަޕް ތައްޓަކީ އޭނާއަށް އަބަދުވެސް ނުލިބި އޮތް އެންމެ ބޮޑު ޝަރަފެވެ. މި މުބާރާތުގައި ވެސް ރޮނާލްޑޯ ވަނީ ހަ ވޯލްޑް ކަޕެއްގައި ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ތާރީހީ ޝަރަފު ހޯދައިފައެވެ.
ޕޯޗުގަލް ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުން ވަރަށް ބޮޑެވެ. ސްޕެއިނަކީ މި މުބާރާތުގައި ފެނިގެންދާ އެންމެ ފުރިހަމަ ޓީމު ކަމަށް ގިނަ ބަޔަކު ސިފަކޮށްފައިވެއެވެ. ޑިފެންސިވް ހަރުދަނާކަމާއި ހަމަލާ އުފެއްދުމުގެ ފެންވަރު ގުޅުވައިގެން، މެޗުތަކުން ބަލިނުވެ، ވާދަވެރިންނަށް ވަރަށް މަދު ފުރުސަތެއް ދީގެން ސްޕެއިން ވަނީ ކުރިއަށް ޖެހިފައެވެ. ލަމީން ޔަމާލް ފަދަ ޒުވާން ހުނަރުވެރި ކުޅުންތެރިންނާއި ރޮޑްރީ އާއި ޕެޑްރީ ފަދަ ތަރިން ހިމެނޭ ސްޕެއިން ޓީމުގެ ހުރިހާ ދިމާލެއްގައި ފެންވަރު ރަނގަޅު ކުޅުންތެރިން ތިބި އިރު، އެ ޓީމުގެ ޕާސިން ގޭމާއި ޕްރެސިންއާއި ޑިފެންސިވް ތަރުތީބަކީ ވާދަކުރާ ޓީމުތަކަށް އޮތް ބޮޑު އިމްތިހާނެކެވެ.
އެހެންނަމަވެސް ޕޯޗުގަލް ނިކަމެތިކޮށްލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ކޯޗް ރޮބާޓޯ މާޓީނެޒް ވަނީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން ހިމެނޭ ސްކޮޑެއް ބިނާކޮށްފައެވެ. ރޮނާލްޑޯގެ އިތުރުން ބްރޫނޯ ފެނާންޑޭސް، ބެނާޑޯ ސިލްވާ، ރަފައެލް ލެއާއޯ، ވިޓީނިއާ، ޖޮއާ ނެވޭސް އަދި ނޫނޯ މެންޑެސް ފަދަ ކޮންމެ މެޗެއް ބަދަލުކޮށްލެވޭ ފެންވަރުގެ ކުޅުންތެރިން ޕޯޗުގަލް ޓީމުގައި ހިމެނެއެވެ. މީގެ އިތުރުން ޕޯޗުގަލް އިން ވަނީ މިދިޔަ އަހަރު ޔޫއެފާ ނޭޝަންސް ލީގް ފައިނަލުގައި ސްޕެއިން ބަލިކޮށް، މުހިންމު މެޗުތަކުގައި ސްޕެއިނާ ވާދަކުރެވޭނެކަން ސާބިތުކޮށްދީފައެވެ.

ވޭތުވެ ދިޔަ އަހަރުތަކުގައި ފުޓުބޯޅައިން ފެނިގެން ގޮސްފައިވާ ކަމެއްވާނަމަ، އެއީ ކްރިސްޓިއާނޯ ރޮނާލްޑޯ ދެރަކޮށް ނުލެވޭނެ ކަމެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ސްޕެއިނާ ދެކޮޅަށް ޖެހި ހެޓްރިކާއި، ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް މެޗުތަކުގައި ޖެހި ގޯލުތަކާއި، ޕޯޗުގަލަށް ފުރަތަމަ ބޮޑު ބައިނަލްއަގުވާމީ ތައްޓެއް ހޯދައިދިނުމާއެކު، ރޮނާލްޑޯ ވަނީ ތަކުރާރުކޮށް އެންމެ ބޮޑެތި މެޗުތަކުގައި ތަފާތު ދައްކައިފައެވެ.
މި މެޗުގެ ނަތީޖާ ކަނޑައެޅުމުގައި އެންމެ މުހިންމު ހަނގުރާމައެއް ހިނގާނީ މެދުތެރޭގައި ކަމަށް ބެލެވެއެވެ. ރޮޑްރީ އާއި ޕެޑްރީ މެދުވެރިކޮށް ބޯޅައިގެ ކޮންޓްރޯލް ނެގުމުގައި ސްޕެއިން ދައްކައިފައިވާ ފެންވަރުން ވާދަވެރި ޓީމުތައް ވަނީ ހާސްކޮށްލައިފައެވެ. ޕޯޗުގަލުން ޖެހޭނީ އެ ރިދަމް މެދުކަނޑާލައި، ބްރޫނޯ ފެނާންޑޭސްގެ ކްރިއޭޓިވިޓީ އާއި ރަފައެލް ލެއާއޯގެ ބާރު ދުވެލީގެ ބޭނުން ހިފައިގެން ފުރުސަތުތައް ތަނަވަސް ކުރާށެވެ. ޑިފެންސިވް ގޮތުން ބަލާއިރު، ލަމީން ޔަމާލްގެ ހަލުވި ދުވެއްޔާއި ޑްރިބްލިން ހުނަރު ހުއްޓުވުމަކީ ޕޯޗުގަލަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް ޕޯޗުގަލުން ކޮމްޕެކްޓް ޑިފެންސެއް ގާއިމުކޮށް، ސެޓް ޕީސްތަކާއި ކައުންޓާ އެޓޭކްތަކުގައި ކްލިނިކަލް ގޮތެއްގައި ނިންމައިފި ނަމަ، މި މުބާރާތުގެ އެންމެ ބޮޑު ސަޕްރައިޒް ގެނައުމުގެ ފެންވަރު އެ ޓީމުގައި ހުރިކަމާ މެދު ޝައްކެއް ނެތެވެ.
މި މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް، މިއީ ޖަޒުބާތީ ގޮތުން ވަރަށް ބޮޑު މެޗެކެވެ. ޕޯޗުގަލް ކާމިޔާބުކޮށްފި ނަމަ ރޮނާލްޑޯގެ ވޯލްޑް ކަޕް ހުވަފެން ދެމިގެންދާނެއެވެ. ސްޕެއިން ކާމިޔާބުކޮށްފި ނަމަ، ފުޓުބޯޅައިގެ ތާރީހުގައި ފެނިފައިވާ އެންމެ ވިދުންގަދަ ވޯލްޑް ކަޕް ކެރިއަރުތަކުގެ ތެރެއިން ކެރިއަރަކަށް ވަދާއު ކިޔާ ވަގުތު އައިސްދާނެއެވެ. ގާތްގަނޑަކަށް 20 އަހަރު ވަންދެން ޖީލުތަކަށް ދެމިގެން ގޮސް، ރެކޯޑުތައް މުގުރައި، ހަނދާނުން ނުފޮހެވޭނެ ފަދަ ވަގުތުތައް ގެނެސްދީފައިވާ ރޮނާލްޑޯގެ މި މެޗު ބެލުމަށް އެތައް މިލިއަން ސަޕޯޓަރުން ތިބީ ތާރީހީ ވަގުތެއް ފެނިދާނެ ކަމުގެ އިހުސާސާ އެކީގައެވެ. ޕޯޗުގަލް ކުއާޓާ ފައިނަލްގެ ޖާގައެއް ހޯދަން ނުކުންނަ އިރު، ރޮނާލްޑޯ ފަހައި ދުވަނީ ފުޓުބޯޅައިގެ އެންމެ ބޮޑު އިނާމު ހޯދޭނެ އެންމެ ފަހު ފުރުސަތެވެ. ސްޕެއިން ފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް ޕޯޗުގަލް އިން ދައްކަން ޖެހޭނީ އެ ޓީމުގެ އެންމެ މޮޅު ކުޅުމެވެ. މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިރޭ 12:00 ގައެވެ.


