ވޯލްޑް
ކަޕް

ފަހުވަގުތު މިސްރަށް ހިތްދަތި ނިމުމެއް، އާޖެންޓީނާ ކުއާޓާއަށް

މެސީ ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ -- ފޮޓޯ: ގެޓީ

ވޯލްޑް ކަޕް 2026 ގައި ފަހުވަގުތު ފަހަތުން އަރައި ތިން ގޯލު ޖަހައިގެން އާޖެންޓީނާއިން މިސްރު ހިތްދަތިކޮށްލައިފިއެވެ.

ގަދަ 16 ގައި މިރޭ ކުޅުނު މި މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން މިސްރު ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

ދާދި ހަމަހަމަ ކުޅުމަކަށްފަހު މިސްރުން ވަނީ ފުރަތަމަ 15 މިނެޓުގެ ތެރޭގައި ގޯލު ޖަހައި ލީޑު ހޯދައިފައެވެ. މަރްވާން އަތިއާ ނަގައިދިން ބޯޅައެއް ޕެނަލްޓީ އޭރިއާ ތެރެއިން އާޖެންޓީނާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މިސްރަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޔާސިރް އިބްރާހީމެވެ.

އޭގެ ފަހުން ޕެނަލްޓީ އޭރިއާ ތެރެއިން ނިކޮލަސް ޓަގްލިއަފީކޯއަށް މިސްރުގެ ހައިސަމް ހަސަން ކުރި ފައުލަކާ ގުޅިގެން އާޖެންޓީނާއަށް ޕެނަލްޓީއެއް ލިބިގެންދިޔައެވެ. ނަމަވެސް މެޗުގެ 20 ވަނަ މިނެޓުގައި އާޖެންޓީނާ ކެޕްޓަން ލިއޮނެލް މެސީ ފޮނުވާލި ޕެނަލްޓީ، މިސްރުގެ ކީޕަރު މުސްތަފާ ޝުބީރް ވަނީ މަތަކޮށްފައެވެ. މިއީ މި ވޯލްޑް ކަޕްގައި މެސީ އަތުން ނާކާމިޔާބުވި ދެވަނަ ޕެނަލްޓީއެވެ. އޭނާ ވެގެން ގޮސްފައިވަނީ އެއް ވޯލްޑް ކަޕެއްގައި ދެ ޕެނަލްޓީ ނާކާމިޔާބުވި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން މިސްރު ކީޕަރު މުސްތަފާ ޝުބީރްގެ އިތުރު މޮޅު ދެ ސޭވްއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އެލެކްސިސް މެކެލިސްޓާ އާއި ހޫލިއަން އަލްވަރޭޒް ފޮނުވާލި ހަމަލާ ވެސް ކީޕަރު ޝުބީރް ވަނީ މަތަކޮށްފައެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން މިސްރު ކުރީގައި އޮވެގެންނެވެ.

މެޗުގެ 58 ވަނަ މިނެޓުގައި ރީތި ކުޅުމަކަށްފަހު، ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން މުސްތަފާ ޒީކޯ، އާޖެންޓިނާގެ ގޯލުގެ ތެރެއަށް ބޯޅައެއް ފޮނުވާލި ނަމަވެސް، ވީއޭއާރަށް ބެލުމަށްފަހު ރެފްރީ ނިންމީ އޭގެ ކުރިން މިސްރު ކުޅުންތެރިޔަކު ފައުލްކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ ގޯލު ބަލައިގެންފައެއް ނުވެއެވެ.

އޭގެ ނުވަ މިނެޓު ތެރޭ މިސްރުން ލީޑު ފުޅާކުރިއެވެ. ހައިސަމް ހަސަން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން މިސްރަށް އެ ގޯލު ކާމިޔާބުކޮށްދިނީ މުސްތަފާ ޒީކޯއެވެ.

މެޗުގެ 79 ވަނަ މިނެޓުގައި އާޖެންޓީނާއިން ވަނީ ގޯލެއް ޖަހައިފައެވެ. ލިއޮނެލް މެސީ ނަގައިދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން އާޖެންޓީނާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ރޮމޭރޯއެވެ.

އޭގެ ފަސް މިނެޓުގެ ތެރޭ މެސީ ވަނީ އާޖެންޓީނާއަށް ނަތީޖާ ހަމަހަކޮށްދީފައެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ހުސްކޮށް ހުރެ، މިސްރުގެ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިއީ އޭނާ މި ވޯލްޑް ކަޕްގައި ޖެހި އަށްވަނަ ގޯލެވެ.

މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ކައުންޓާ އެޓޭކެއްގައި އާޖެންޓީނާއިން ވަނީ ލީޑު ހޯދައިފައެވެ. ލައުޓާރޯ މާޓިނޭޒް ނަގައިދިން ހުރަހަކުން އާޖެންޓީނާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެންޒޯ ފެނާންޑޭޒެވެ.