ވަކި ފަރާތްތަކަކަށް މަންފާވާ ގޮތަށް ގުޅުންހުރި ވިޔަފާރިތަކުން މާލެ ސިޓީ ކައުންސިލުން ކޯޓޭޝަން ހޯދާފައިވާ ކަމަށް އެ ކައުންސިލުގެ 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
ކައުންސިލުން އިއްޔެ ނެރުނީ މާލޭގެ މޭޔަރަކަށް ޝިފާ މުހައްމަދު ހުންނެވި ދުވަސްވަރުގެ އޮޑިޓް ރިޕޯޓެކެވެ. އެ ރިޕޯޓް ތައްޔާރުކޮށްފައިވަނީ ކުރޯ މޯލްޑިވްސް އެލްއެލްޕީއާ ހަވާލުކޮށްގެންނެވެ.
އޮޑިޓް ރިޕޯޓުގައި ބުނީ، އޮޑިޓަށް ސާމްޕަލްގެ ގޮތުގައި ނެގުނު 35،000 ރުފިޔާ އިން ދަށުގެ ޖުމުލަ 45 ޕޭމަންޓް ވައުޗާގެ ތެރެއިން 27 ވައުޗާގައި ކޮޓޭޝަން ހޯދާފައިވަނީ އެއް ކުންފުންޏެއްގެ 2 ފިހާރަ ނުވަތަ ކުންފުނިތަކުގެ ހިއްސާދާރުންގެ ވަކިވަކި ވިޔަފާރިތަކުން ކަމަށާއި އެ 27 ވައުޗާގައި ހިމެނޭ ހިދުމަތްތަކުގެ ޖުމުލަ އަގަކީ 732،043.86 ރުފިޔާ ކަމަށެވެ.
އޮޑިޓް ރިޕޯޓުގައި ބުނީ، ގުޅުން ހުރި ވިޔަފާރިތަކުން ކޮޓޭޝަން ހޯދުމުން، ޕްރޮކިއުމަންޓުގެ ވާދަވެރިކަން ކުޑަވެ، އިގުތިސާދީ ގޮތުން ފައިދާ ހުރި، އެންމެ އެކަށީގެންވާ އަގުގައި ތަކެތި ނުވަތަ ހިދުމަތް ނުލިބުމުގެ އިތުރުން ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާ ލިބުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށެވެ.


