އިންޑިއާގައި މުސްލިމެއްގެ ގައިގައި ތަޅައި މަރާލި މައްސަލައެއްގައި 14 ފިރިހެނަކު އުމުރަށް ޖަލަށްލުމަށް ހުކުމް ކުރި މުސްލިމު ގާޒީއަކަށް ފުރައްސާރަކޮށް މަރުގެ އިންޒާރު ދޭން ފަށައިފި އެވެ.
މަދްޔަ ޕްރަދޭޝް ސްޓޭޓްގެ ކޯޓެއްގެ އެޑިޝަނަލް ޑިސްޓްރިކްޓް އެންޑް ސެޝަންސް ގާޒީ ތަބައްސުމް ޚާންއަށް ފުރައްސާރަކޮށް މަރުގެ އިންޒާރު ދޭން ފެށީ މިދިޔަ ޖޫން 12 ވަނަ ދުވަހު އިއްވި ހުކުމަކާ ގުޅިގެންނެވެ.
އޭނާ ހުކުމް ކުރެއްވީ 2022 ވަނަ އަހަރު އުމުރުން 50 އަހަރުގެ ނަޒީރު އަހުމަދު ނަމަކަށް ކިޔާ މީހަކަށް، ބަޔަކު ލަކުޑިބުރިތަކާއި ދަގަނޑުބުރިތަކުން ހަމަލާދީ މަރާލި މައްސަލައެއްގައެވެ. އޭނާ މަރާލީ ގެރިތަކެއް ވެހިކަލަކަށް އަރުވައިގެން ދަނިކޮށެވެ. އޭނާއަށް ހަމަލާ ދިން މީހުންނަކީ ގެރި ހިމާޔަތްކުރާ މީހުން ކަމަށް އަމިއްލައަށް ބުނާ ބައެކެވެ.
ގާޒީ ތަބައްސުމް ޚާން ކުރެއްވި ހުކުމުގައި ވިދާޅުވީ، އެ މީހުން ނަޒީރު އަހުމަދާއި އޭނާގެ ދެ އެކުވެރިން ވެހިކަލުން ބޭރަށް ނެރެ، ގެރި ވަގަށް ބޭރުކުރާ ކަމުގެ ތުހުމަތުގައި އަނިޔާކޮށްފަ އެވެ. އެ ހަމަލާގައި ނަޒީރު އަހުމަދު މަރުވި ނަމަވެސް އޭނާގެ ދެ އެކުވެރިން ވަނީ ސަލާމަތްވެފަ އެވެ. އަދި އެ މީހުން ވަނީ ކޯޓުގައި ކަން ހިނގައިދިޔަ ގޮތް ކިޔައިދީފަ އެވެ.
އެހެންކަމުން މިއީ ބަޔަކު ރޭވުންތެރިކަމާއެކު މީހަކު މަރާލި ސާފު މައްސަލައެއް ކަމަށް ކަނޑައަޅައި ގާޒީ ތަބައްސުމް ވަނީ އެކަމުގައި ބައިވެރިވި މީހުންނަށް މީހަކު މެރުމާއި މީހަކު މަރާލަން އުޅުމާއި ހަމަނުޖެހުން ހިންގުން އަދި ނުހައްގުން މީހަކު ހިފެހެއްޓުން ހިމެނޭހެން އެކި ކުށްތަކަށް އެ މީހުން ކުށްވެރިވާ ކަމަށް ހުކުމްކޮށްފަ އެވެ.
ނަމަވެސް މި ހުކުމާއެކު ތަބައްސުމްއަށް ފުރައްސާރަކޮށް އިންޒާރުދޭ ގިނަ ވީޑިއޯތަކެއް ދަނީ ހަދަމުންނެވެ. އެ ވީޑިއޯތަކުގައި ބައެއް މީހުން ވަނީ އެ ހުކުމް ކުރީ ހިންދޫންނަށްވީތީ ކަމަށާއި ގެރިތައް ހިމާޔަތްކުރާތީ ކަމަށް ބުނެފަ އެވެ. އަދި އެހެން ވީޑިއޯއެއްގައި މީހަކު ވަނީ، 10 ދުވަހުގެ ތެރޭގައި ހުކުމްކުރި މީހުން މިނިވަން ނުކޮށްފިނަމަ މުޅި ގައުމުގައި ލޭއޮހޮރުވުން ހިނގާނެ ކަމުގެ އިންޒާރު ދީފަ އެވެ.
ނަމަވެސް ގާނޫނީ ދާއިރާގެ އިސް އިދާރާތަކުން ވަނީ ތަބައްސުމްގެ ހުކުމަށް ތާއީދުކޮށްފަ އެވެ. އަދި އޭނާއަށް މިހާރު ވަނީ ފުލުހުންގެ ހިމާޔަތްވެސް ދީފަ އެވެ.


