ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް ގެންދަނިކޮށް ހަމަނުޖެހުން ހިންގި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ކާމިލް ދީދީ ޕްރީ ސްކޫލުގައި ހުޅުމާލޭ އުތުރު ދާއިރާގެ ވޯޓު ފޮއްޓެއް ގުނަމުން ދަނިކޮށް ކެންޑިޑޭޓުންގެ މަންދޫބުންގެ މެދުގައި ދެބަސްވެ، ހިންގި ހަމަނުޖެހުމުގައި އެކަކު އަނެކަކާ ދިމާއަށް، އެ ތަނުގައި ހުރި ގޮނޑިތައް އުކައި އިންޒާރު ދީފައިވެ އެވެ.
އެ ހަމަނުޖެހުން ކޮންޓްރޯލް ކުރީ ފުލުހުންވެސް އެތަނަށް ވަދެގެންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައި ވަނީ އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނަކާއި 24 އަހަރުގެ ދެ ފިރިހެނުންނެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.


