ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައިދަނޑިއަށް ތިރިކޮށްފި

ގަތަރުގެ އަމީރާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ބައްދަލުކުރައްވަނީ: ގަތަރު ކުރީގެ އަމީރު އަވަހާރަވުމުން އާއިލާއަށް ތައުޒިޔާ ވިދާޅުވުމަށް ރައީސް ވަނީ އެ ގައުމަށް ވަޑައިގެންފައި.-- ފޮޓޯ: ރައީސް އޮފީސް

ގަތަރުގެ ކުރީގެ އަމީރު ޝައިހު ހަމަދު ބިން ހަލީފާ އާލް ސާނީ އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ދިދަ އެއް ދުވަހަށް ބައިދަނޑިއަށް ތިރިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ޝައިހް ހަމަދު އަވަހާރަވުމުގެ ހިތާމައިގައި މިއަދު މެންދުރު 12:00 އިން ފެށިގެން މާދަމާގެ މެންދުރު 12:00 ގެ ނިޔަލަށް ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.

ރައީސް އެގޮތަށް ނިންމެވީ ރާއްޖެ އާއި ގަތަރާ ދެމެދު ޒަމާނުއްސުރެ އުފެދިފައިވާ ގާތް ރަހުމަތްތެރިކަމުގެ ގުޅުމާއި، ޝައިހު ހަމަދު ގަތަރުގެ އަމީރުކަމުގެ މަގާމުގައި ހުންނެވިއިރު، ރާއްޖެއާ މެދު ބެހެއްޓެވި ގާތްކަމާއި ރާއްޖޭގެ ތަރައްގީއަށާއި ކުރިއެރުމަށް ދެއްވި ދީލަތި އެހީތެރިކަމާއި އެއްބާރުލެއްވުމުގެ އަގުވަޒަންކުރެއްވުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުންޏެވެ

ޝައިހް ހަމަދު އަވަހާރަވީ މިދިޔަ އާދީއްތަ ދުވަހު އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 74 އަހަރެވެ. އެ މަނިކުފާނުގެ ޖަނާޒާ އިއްޔެ ބާއްވައި، ދޯހާގެ ލުހައިލް ގަބުރުސްތާނުގައި ވަނީ ފަސްދާނު ލައްވައިފަ އެވެ.

ޝައިހް ހަމަދު އަވަހާރަވުމާއި ގުޅިގެން، އެ ގައުމުގެ އަމީރު އައްޝައިހް ތަމީމް ބިން ހަމަދު އަލްޘާނީއަށާއި ޝާހީ އާއިލާއަށް ތައުޒިޔާ ދެންނެވުމަށް ރައީސް މިއަދު ވަނީ ގަތަރަށް ފުރާވަޑައިގެންފަ އެވެ.