ވޯލްޑް
ކަޕް

ވޯލްޑް ކަޕުން ބާކީކުރި ރެފްރީ ރޮބް ޑީޕެރިންކް މަރުވެއްޖެ

ރެފްރީ ރޮބް ޑީޕެރިންކް -- ފޮޓޯ: ގެޓީ

ވޯލްޑް ކަޕް 2026 ގެ ރެފްރީންގެ ޕެނަލުން ވަކިކުރިތާ ހަފްތާތަކެއް ފަހުން، ނެދަލޭންޑްސްގެ އުމުރުން 38 އަހަރުގެ ރެފްރީ ރޮބް ޑީޕެރިންކް މަރުވެއްޖެއެވެ.

ޑީޕެރިންކްގެ މަރުގެ ސަބަބު އަދި ހާމަކޮށްފައި ނުވާ އިރު، އޭނާ މަރުވެގެން ފުލުހުން ދަނީ އެކަން ތަހުގީގު ކުރަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕްގައި ރެފްރީކަން ކުރުމަށް ކުރިން ހަމަޖެހިފައިވާ ޑީޕެރިންކްއަށް އެ ފުރުސަތު ގެއްލުނީ، ފުރާވަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރަން އުޅުނުކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރުމާ ގުޅިގެންނެވެ.

ކްރިސްޓަލް ޕެލެސް އާއި ފިއޮރެންޓީނާ ބައްދަލުކުރި ޔުއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ މެޗަށްފަހު އޭނާ ހައްޔަރުކުރި ނަމަވެސް، އެކަށީގެންވާ ހެކި ނެތުމުގެ ސަބަބުން ފުލުހުން ފަހުން ވަނީ އެ މައްސަލަ ދޫކޮށްލައިފައެވެ.

ނެދަލޭންޑްސްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑީޕެރިންކްގެ މަރާއެކު ރެފްރީންގެ މުޖުތަމައުއަށް ބޮޑު ސިހުމެއް ލިބިފައިވާ ކަމަށާއި، އޭނާއަކީ ބައިނަލްއަގުވާމީ ތަޖުރިބާ ލިބިފައިވާ ވަރަށް ގާބިލު އަދި ރަނގަޅު އެކުވެރިއެއް ކަމަށެވެ.