އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދުކޮށް، ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނުޖެހުމުގެ އުސޫލުތަކާ ތަކުރާރުކޮށް ހިލާފުވެފައިވާ ކަމަށް ބުނެ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ މައްސަލަ ބަލައިދިނުމަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އަށް ހުށަހަޅައިފިއެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ”ފެއާސްކޮއާ“ ނަމަކަށް ކިޔާ ޖަމިއްޔާއަކުން ހުށަހެޅި މި މައްސަލައިގައި ބުނެފައިވަނީ، އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޮގަން އަށް ކުރި އެއް މެޗުގެ ސަސްޕެންޝަން އުވާލުމުގައި އިންފަންޓީނޯގެ އަތެއްވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. މީގެ ސަބަބުން، ޖުލައި 6 ވަނަ ދުވަހު ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗުގައި ބަލޮގަން އަށް ކުޅުމުގެ ފުރުސަތު ލިބުނެވެ.
ބަލޮގަން ކުޅުވުމަށް ރައީސް ޓްރަމްޕް އާންމުކޮށް ބާރުއަޅުއްވަމުން ގެންދަވަނިކޮށް، ޓްރަމްޕްގެ ފޯނު ކޯލެއް ލިބުނު ކަމަށް އިންފަންޓީނޯ ވަނީ އެއްބަސްވެފައެވެ. ނަމަވެސް، ފީފާގެ ރައީސް ވިދާޅުވީ އެ ނިންމުން ނިންމުމުގައި އޭނާ އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށެވެ. ބަލޮގަން އަށް ރަތް ކާޑު ދެއްކީ ޖުލައި 1 ގައި ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ކުރި ފައުލަކާ ގުޅިގެންނެވެ.
އާންމު ގޮތެއްގައި ރަތް ކާޑެއްގެ ސަސްޕެންޝަން އިސްތިއުނާފެއް ނުކުރެވޭނެއެވެ. ނަމަވެސް، ފީފާ އިން ވަނީ އެއްވެސް ތަފްސީލެއް ދިނުމަކާ ނުލައި، ބަލޮގަންގެ ސަސްޕެންޝަން އެއް އަހަރު ދުވަހުގެ ޕްރޮބޭޝަނަރީ މުއްދަތަކަށް ފަސްކުރިކަން އިއުލާންކޮށްފައެވެ. މިކަމާ ގުޅިގެން ޓްރަމްޕް ވިދާޅުވީ، އޭނާ އެދިވަޑައިގަތީ ހަމައެކަނި އެ ނިންމުން ރިވިއު ކޮށްދިނުމަށް ކަމަށާއި، ރެފްރީގެ ނިންމުމަކީ ”ގޯސް“ ނިންމުމެއް ކަމަށެވެ.
ފެއާސްކޮއާ އިން ބުނާ ގޮތުގައި، 2020 ވަނަ އަހަރުން ފެށިގެން އައިއޯސީގެ މެންބަރެއްގެ ގޮތުގައި ހުންނެވި އިންފަންޓީނޯ ވަނީ އޮލިމްޕިކް ޗާޓަރާއި އައިއޯސީގެ ކޯޑް އޮފް އެތިކްސްއާ ހިލާފުވެފައެވެ. އެ ޖަމިއްޔާއިން ބުނާ ގޮތުގައި އިންފަންޓީނޯ ވަނީ ފަސް ފަހަރެއްގެ މަތިން ސިޔާސީ ގޮތުން ވަކި ފަރާތަކަށް ޖެހި، ރައީސް ޓްރަމްޕަށް ތާއީދުކޮށްފައެވެ.
މީގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމަކީ:
- ވޯލްޑް ކަޕް 2026 އާ ގުޅޭ ފޭން ސައިޓެއް މެދުވެރިކޮށް ޓްރަމްޕާ ގުޅުންހުރި ފަރާތްތަކުން ޑޭޓާ އެއްކުރުމަށް ފުރުސަތު ދިނުން.
- މިދިޔަ އަހަރު ޓްރަމްޕް ރައީސްކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތާ ގުޅުންހުރި ހަރަކާތްތަކުގައި ބައިވެރިވެ، ސޯޝަލް މީޑިއާގައި ތާއީދު ފާޅުކުރުން.
- ޓްރަމްޕަށް ނޯބެލް ސުލްހައިގެ އިނާމު ދިނުމަށް އާންމުކޮށް ތާއީދުކުރުން.
- ފީފާގެ ”ޕީސް ޕްރައިޒް“ ޓްރަމްޕަށް އެރުވުން.
މި މައްސަލައިގައި ނޯވޭގެ ފުޓްބޯޅަ ފެޑެރޭޝަނާއި ޔޫރަޕިއަން ޕާލަމެންޓުގެ 50 މެންބަރަކު ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް، އައިއޯސީ އާއި ފީފާ އިން މިހާތަނަށް މީޑިއާތަކުގެ ސުވާލުތަކަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.


