ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލްގައި އާޖެންޓީނާއިން އެ ގައުމުގެ ސަގާފީ ގަދަ ނޫކުލައިގެ ޖާޒީ ބޭނުންކުރަން ނިންމުމާ ގުޅިގެން، އެއީ ނަސީބާ ގުޅިފައިވާ ކަމެއްކަން އިނގިރޭސި ކޯޗު ތޯމަސް ޓުޗެލް ވެސް ގަބޫލުކުރެވޭ ކަމަށް އޭނާ ބުނެފިއެވެ.
މި މެޗުގައި ލިއޮނަލް މެސީ އާއި އާޖެންޓީނާ ޓީމުން އެ ގައުމުގެ އާދައިގެ ހުދު އަދި މަޑު ނޫކުލައިގެ ރޮނގުދެމި ޖާޒީގެ ބަދަލުގައި ބޭނުންކުރާނީ ގަދަ ނޫކުލައިގެ ”އަވޭ ކިޓް“ އެވެ. މިއީ އާޖެންޓީނާގެ ފުޓްބޯޅަ ތާރީހުގައި އިނގިރޭސިންނާ ދެކޮޅަށް ކުޅުނު ކާމިޔާބު މެޗުތަކެއްގެ ހަނދާންތަކާއި، ނަސީބާ ގުޅިފައިވާ ޖާޒީއެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
އާޖެންޓީނާއިން 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި އިނގިރޭސިން ބަލިކުރިއިރު ލައިގެން ތިބީ މި ކުލައިގެ ޖާޒީއެވެ. އެ މެޗަކީ ފުޓްބޯޅަ ތާރީހުގައި މަޝްހޫރު ޑިއޭގޯ މަރަޑޯނާގެ ”ހޭންޑް އޮފް ގޯޑް“ ގޯލާއި، ”ގޯލް އޮފް ދަ ސެންޗަރީ“ ފެނިގެންދިޔަ މެޗެވެ. މީގެ އިތުރުން 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޕެނަލްޓީ ޖަހައިގެން އިނގިރޭސިން މުބާރާތުން ބޭރުކޮށްލިއިރު ވެސް އާޖެންޓީނާ އިން ބޭނުންކުރީ ގަދަ ނޫކުލައިގެ ޖާޒީއެވެ.
އިނގިރޭސި ކޯޗު ތޯމަސް ޓުޗެލް ބުނީ، މިފަދަ ކަންކަމަކީ ކުޅިވަރުގެ މަތީ ފަންތީގައި އާންމު ކަންކަން ކަމަށެވެ. ”އަހަރެން ވެސް އެފަދަ ކަމަކަށް (ނަސީބަށް) ގަބޫލުކުރެވޭ ނަމަ ކަންތައް ކުރާނީ ހަމަ އެފަދައިން،“ ނޫސްވެރިންނާ ވާހަކަދައްކަމުން ޓުޗެލް ބުންޏެވެ. ޓުޗެލް އިތުރަށް ބުނީ އޭނާގެ ވެސް އަމިއްލަ ބައެއް އާދަތައް ހުންނަ ކަމަށާއި، ނަމަވެސް އެއީ ކޮން ކަންތައްތަކެއްކަން ބުނެފި ނަމަ އޭގެ ”ބާރު“ ކެނޑިދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ މިކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ބުނީ، ނޫކުލައިގެ ޖާޒީ ބޭނުންކުރަން އޭނާ އެދިފައި ނުވާނެ ކަމަށެވެ. ”އަހަރެން ނޭދެން ނޫކުލައިގެ ޖާޒީއަކަށް. އެއީ ކާކު ނިންމި ނިންމުމެއް ކަމެއް ނޭނގޭ، އެކަމަކު އެއީ ފަހަރުގައި ސަގާފީ ކަމަކަށް ވެދާނެ،“ ސްކަލޯނީ ބުންޏެވެ.
އާޖެންޓީނާގެ މިފަހަރުގެ ގަދަ ނޫކުލައިގެ ޖާޒީ ފަރުމާކޮށްފައިވަނީ ބުއެނޮސް އައިރީސްގެ މަޝްހޫރު ސަގާފީ ކުރެހުމުގެ ފަންނެއް ކަމަށްވާ ”ފިލެޓިއާޑޯ“ އިން އިންސްޕަޔާ ވެގެންނެވެ. މިއީ ޔުނެސްކޯ އިން ބަލައިގެންފައިވާ، ތަފާތު ކުލަތަކާއި މާ ބޮނޑިތައް ހިމެނޭ ގޮތަށް ފަރުމާކުރާ ފަންނެކެވެ.
ރާއްޖޭގަޑިން މިރޭ 12:00 ގައި ކުޅޭ މި މެޗުން މޮޅުވެ، ތާރީހު އިއާދަވާނެ ކަމަށް އާޖެންޓީނާގެ ސަޕޯޓަރުން އުންމީދު ކުރެއެވެ.


