ވޯލްޑް ކަޕްގެ ތަށި ހޯދުމަށް ނުވަތަ ފައިނަލާ ހަމައަށް ދިއުމަށް ދިގު އިންތިޒާރެއް ކުރާ އިންގްލެންޑަށް ނާކާމިޔާބީއާ ކުރިމަވަނީ ބަދުނަސީބުގެ ސަބަބުން ނޫން ކަމަށާއި އެއީ ހަމައެކަނި ފުޓުބޯޅައިގެ ގޮތުން ދިމާވާ ކަމެއް ކަމަށް އިންގްލެންޑްގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.
އިންގްލެންޑަށް 1966 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރެވުނު ފަހުން ފައިނަލާ ހަމައަށް ދެވިފައެއް ނުވެއެވެ. މިފަހަރުގެ ސެމީ ފައިނަލް މެޗުގައި އިންގްލެންޑުން ލީޑު ނަގާފައި ވަނިކޮށް، މެޗުގެ ފަހުކޮޅު އާޖެންޓީނާއިން ދެ ގޯލު ޖަހައި 2-1 އިން މެޗު ކާމިޔާބުކޮށް، އިންގްލެންޑުގެ ހުވަފެންތައް ވަނީ ބިލާހަކަށް ހަދާލައިފައެވެ.
”އަހަރެން ބޭނުންވަނީ މިފަދަ ކަންކަމަށް ފުޓްބޯޅައިގެ ނަޒަރަކުން ބަލަން، ފުޓްބޯޅައިގެ ބަދުނަސީބުގެ ގޮތުގައެއް ނޫން،“ ނޫސްވެރިންނާ ވާހަކަދައްކަމުން ޓުޗެލް ބުންޏެވެ. ”އަހަރެން އިންގްލެންޑުގެ ބަދުނަސީބަކަށް ނުވަތަ ތާރީހު ތަކުރާރުވުމުގެ ކަންތައްތަކަކަށް މާ ބޮޑަކަށް ގަބޫލެއް ނުކުރަން. މިއީ ތަފާތު ކޯޗުން، ތަފާތު ކުޅުންތެރިން، ތަފާތު ހާލަތްތައް އަދި ތަފާތު އިދިކޮޅު ޓީމުތައް. އެހެންވީމާ އަހަރެން ގަބޫލުކުރަނީ ހަމައެކަނި ފުޓްބޯޅައިގެ ހަގީގަތްތަކަށް.“
މެޗުގެ 55 ވަނަ މިނެޓުގައި އެންތަނީ ގޯޑަން ޖަހައިދިން ގޯލުން އިންގްލެންޑުން ލީޑު ނެގި ނަމަވެސް، އޭގެ ފަހުން މެޗުގެ ކޮންޓްރޯލް އާޖެންޓީނާއިން އަތުލިއެވެ. އަދި އާޖެންޓީނާގެ ޕްރެޝަރާ ކުރިމަތިލުމުގައި ނުވަތަ ބޯޅަ ހިފަހައްޓައިގެން ކުޅުމުގައި ޓުޗެލްގެ ޓީމު ނުކުޅެދުނެވެ.
ޓުޗެލް ބުނި ގޮތުގައި 1-0 އިން ލީޑު ލިބުނު ވަގުތަކީ އިންގްލެންޑަށް ހައްގު ވަގުތެކެވެ. ނަމަވެސް އޭގެ ފަހުން މުޅި މެޗުގެ އޮއިވަރު ބަދަލުވެގެންދިޔައީ ހައިރާންވާ ފަދަ ގޮތަކަށެވެ. އާޖެންޓީނާއިން އިތުރު ރިސްކު ނަގައި، ބާރު ސްޕީޑެއްގައި ކުޅެން ފެށިއިރު، އިންގްލެންޑަށް ކުޅެވުނީ ވަރަށް ބޮޑަށް ފަހަތަށް ޖެހިގެންނެވެ. އޭނާ ސިފަކުރި ގޮތުގައި މިއީ ގޯލު ޖެހުމުގެ ކުރިން އަދި ގޯލު ޖެހުމުގެ ފަހުން ކުޅެވުނު މުޅިން ތަފާތު ދެ މެޗެކެވެ.
މި މުބާރާތުގައި ޑީއާރް ކޮންގޯ، މެކްސިކޯ އަދި ނޯވޭ ބަލިކޮށް އިންގްލެންޑް ސެމީ ފައިނަލާ ހަމައަށް ގެންގޮސްދިނުމުން ޓުޗެލްއަށް ބޮޑެތި ތައުރީފުތަކެއް ލިބުނެވެ. ނަމަވެސް، އާޖެންޓީނާ މެޗުގައި ލީޑު ލިބުމާއެކު މާ ބޮޑަށް ޑިފެންސިވްކޮށް ޓީމު އަތުރާލައި ގެނައި ބަދަލުތަކުގެ ސަބަބުން މިހާރު އޭނާއަށް ވަނީ ފާޑުކިޔުންތައް އަމާޒުވާން ފަށައިފައެވެ.
”އެއީ ފުޓްބޯޅައިގެ ހަގީގަތަކީ. ބަލިވުމާއެކު ފާޑުކިޔުންތައް އަންނާނެ،“ ޖަރުމަނަށް އުފަން ކޯޗު ބުންޏެވެ. ”އެހެން ގޮތަކަށް ނިންމުންތައް ނިންމި ނަމަ ވާނީ ކިހިނެއްކަމެއް އެކަކަށްވެސް ނޭނގޭނެ. އެހެންވީމާ އެކަމާ ވިސްނައި ބޯގޮއްވުމުގެ ބޭނުމެއް ނެތް. އަހަރެން މިހިރީ އެ ނިންމުންތަކުގެ ޒިންމާ ނަގައިގެން.“
މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި ހޮނިހިރު ދުވަހު އިންގްލެންޑް ނުކުންނަން ޖެހޭނީ ފްރާންސާ ދެކޮޅަށެވެ. ޓުޗެލް ބުނީ މިއީ ކުރެވުނު ކަންތައްތަކާ މެދު ފަހުރުވެރިވެގެން ތިބޭނެ ވަގުތެއް ނޫން ކަމަށެވެ. އަދި ފްރާންސް ނުވަތަ އިންގްލެންޑުގެ އެއްވެސް ކުޅުންތެރިއަކުވެސް ތިންވަނަ ހޮވާ މެޗު ކުޅެން ބޭނުންނުވާނެ ކަމަށާއި، އެންމެންވެސް ބޭނުންވީ ފައިނަލުގައި ކުޅެން ކަމަށް އޭނާ ހާމަކުރިއެވެ.


