ވޯލްޑް
ކަޕް

ނަސީބު ދެރަވެދާނެތީ އާޖެންޓީނާގެ ރައީސް، ފައިނަލަށް ދަނޑަށް ވަޑައިނުގަންނަވާނެ 

އާޖެންޓީނާގެ ރައީސް ހާވިއޭ މައިލީ -- ފޮޓޯ: ގެޓީ

އާޖެންޓީނާގެ ރައީސް ހާވިއޭ މައިލީ، ވޯލްޑް ކަޕް ފައިނަލް މެޗު ބައްލަވަން ދަނޑަށް ވަޑައިނުގެން، ގޭގައި ހުންނަވައިގެން މެޗު ބައްލަވަން ނިންމަވައިފިއެވެ.

ރައީސް މައިލީ މިގޮތަށް ނިންމެވީ މެޗު ބައްލަވަން ވަޑައިގެންފިނަމަ ޓީމަށް ނަސީބު ދެރަވެދާނެ ކަމަށް ގަބޫލުކުރެވޭ ގަބޫލުކުރުންތަކެއްގެ ސަބަބުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އާޖެންޓީނާގެ ރައީސް ވިދާޅުވި ގޮތުގައި، އާދީއްތަ ދުވަހު ސްޕެއިންއާ ދެކޮޅަށް ކުޅޭ ފައިނަލް މެޗު އޭނާ ބައްލަވާނީ ގޭގައި ހުންނަވައިގެންނެވެ. މިއީ މި މުބާރާތުގައި އާޖެންޓީނާ ކުޅުނު ފާއިތުވި ހަތް މެޗުވެސް އޭނާ ބެއްލެވި ގޮތެވެ. އަދި އެ ހުރިހާ މެޗަކުންވެސް އާޖެންޓީނާ ވަނީ މޮޅުވެފައެވެ.

ގައުމީ ޓީމަށް ޖެހިޖެހިގެން ދެވަނަ ފަހަރަށް ވޯލްޑް ކަޕްގެ ތަށި ހޯދައިދިނުމަށް އެހީތެރިވުމުގެ ގޮތުން، ކުރީގެ މެޗުތައް ބެއްލެވިއިރު ލެއްވި ބަރު ޖެކެޓް ފައިނަލް މެޗު ބައްލަވާއިރުވެސް ލައްވާނެ ކަމަށް މައިލީ ވިދާޅުވިއެވެ.

ދެކުނު އެމެރިކާގެ ގައުމުތަކުގައި، ހާއްސަކޮށް އާޖެންޓީނާގައި، މެޗުތަކުން މޮޅުވުމަށްޓަކައި ވަކި އާދަތަކެއް ނުވަތަ ”ކަބާލަސް“ އަށް އަމަލުކުރުމަކީ ވަރަށް އާންމު އަދި އެހާމެ ސީރިއަސްކޮށް ދެކޭ ކަމެކެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ އެކު ފައިނަލް މެޗު ބައްލަވައިލެއްވުމަށް ނިއު ޖާޒީއަށް ވަޑައިގަންނަވާނެތޯ ސުވާލުކުރުމުން މައިލީ ވަނީ އެކަމަށް ދެކޮޅު ހައްދަވައިފައެވެ. ”އަހަރެން ހުރިހާ މެޗެއްވެސް ބަލާނީ އޮލިވޮސް (ރިޔާސީ ގަނޑުވަރު) ގައި ހުރެގެން،“ ރޭޑިއޯ ސްޓޭޝަނަކަށް ދެއްވި އިންޓަވިއުއެއްގައި މައިލީ ވިދާޅުވިއެވެ.

ރައީސް މައިލީ އިތުރަށް ވިދާޅުވިގޮތުގައި، ސްވިޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި ހޫނުވެގެން އޭނާ ލައިގެން ހުރި ޖެކެޓް ބޭލި ވަގުތު އާޖެންޓީނާ ކޮޅަށް ގޯލެއް ވަނެވެ. އެހެންކަމުން އެ ޖެކެޓް އަލުން ލެއްވުމަށްފަހު ދެން ދުވަހަކުވެސް މެޗެއްގެ ތެރެއިން އެ ޖެކެޓް ބާލާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އާޖެންޓީނާގެ ރައީސުން ވޯލްޑް ކަޕްގެ މެޗުތައް ބައްލަވަން ދަނޑަށް ވަޑައިގަތުމަށް ޖެހިލުންވެވަޑައިގަންނަވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. މިކަން ފެށުނީ 1990 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އޭރުގެ ރައީސް ކާލޮސް މެނެމް ޓީމަށް ޒިޔާރަތްކުރެއްވި ފަހުން، ފުރަތަމަ މެޗުން ކެމަރޫން އަތުން އާޖެންޓީނާ ބަލިވި ހާދިސާއަށް ފަހުއެވެ. އޭގެ ފަހުން އާޖެންޓީނާގެ އެއްވެސް ރައީސަކު ގައުމީ ޓީމުގެ މެޗެއް ބައްލަވަން ދަނޑަށް ވަޑައިގެންފައެއް ނުވެއެވެ.