ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި މާދަމާ އާޖެންޓީނާއާ ދެކޮޅަށް ނުކުންނަ އިރު، މުބާރާތް ކާމިޔާބުކުރުމަށްޓަކައި ސްޕެއިންގެ ކުޅުން އިތުރަށް ވަރުގަދަކުރަންޖެހޭ ކަމަށް އެ ޓީމުގެ ކެޕްޓަން ރޮޑްރީ ބުނެފިއެވެ.
އެމެރިކާގެ ނިއު ޖާޒީގައި ހުންނަ މެޓްލައިފް ސްޓޭޑިއަމްގައި ކުޅޭ މި ފައިނަލް މެޗަކީ ސްޕެއިންގެ ތާރީހުގައި ވޯލްޑް ކަޕް ފައިނަލެއްގައި އެ ޓީމު ކުޅޭ ދެވަނަ ފަހަރެވެ.
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލޮންޑިއޯ އެވޯޑު ހާސިލްކޮށްފައިވާ ރޮޑްރީ ބުނީ، 2023 ވަނަ އަހަރުގެ ނޭޝަންސް ލީގާއި 2024 ވަނަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕް ކާމިޔާބުކުރުމަކީ މިހާރު ސްޕެއިން ޓީމަށް ލިބިފައިވާ ކާމިޔާބީގެ ބިންގާ ކަމަށެވެ. އަދި މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޓީމު އައީ ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިއަރަމުން ކަމަށާއި، ފައިނަލް މެޗުގައި ކުޅުންތެރިން ބަލިވެދާނެތީ ބިރުގަތުމުގެ ބަދަލުގައި މޮޅުވުމުގެ ރޫހު އިސްކުރަންޖެހޭ ކަމަށް އޭނާ ފާހަގަކުރިއެވެ.
މި މުބާރާތުގައި ސްޕެއިން ދައްކަމުންދާ ކުޅުމަށް ބަލާއިރު، އެންމެ ފަހުން ކުޅުނު ހަތް މެޗުގައި އެ ޓީމު ކޮޅަށް ވަދެފައިވަނީ އެންމެ ގޯލެކެވެ. ސެމީ ފައިނަލްގައި ފްރާންސް އަތުން 2-0 އިން މޮޅުވި އިރު، މިއީ ޔޫރަޕްގެ ގަދަބާރެއް ކަމަށްވާ ފްރާންސް އަތުން ޖެހިޖެހިގެން ސްޕެއިން ހޯދި ތިންވަނަ މޮޅެވެ. ކޭޕް ވާޑްއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗު އެއްވަރުވުމަށްފަހު، ސްޕެއިން ވަނީ އޭގެ ފަހުން ކުޅުނު މެޗުތަކުގައި 13 ގޯލު ޖަހައިފައެވެ.
ފައިނަލް މެޗާ ބެހޭގޮތުން ވާހަކަދައްކަމުން 30 އަހަރުގެ މިޑްފީލްޑަރު ރޮޑްރީ ބުނީ، އާދީއްތަ ދުވަހުގެ މެޗު މާ ބޮޑަށްވެސް ފިޒިކަލް ވާނެ ކަމަށާއި، ނަމަވެސް ސްޕެއިންއަކީ ހާލަތާ ގުޅޭގޮތުން ކުޅުމުގެ ސްޓައިލް ބަދަލުކުރަން ދަންނަ ފުރިހަމަ ޓީމެއް ކަމަށެވެ. ޓީމުގެ ކާމިޔާބީގެ ފަހަތުގައި ގޯލްކީޕަރު އުނާއި ސިމޮންގެ ހުޝިޔާރު ސޭވްތަކާއި، މެޗުތަކުގެ ފަހު ވަގުތު މިކޭލް މެރީނޯ ފަދަ ކުޅުންތެރިން ޖެހި މުހިންމު ގޯލުތައް ހިމެނެއެވެ.
ސްޕެއިންގެ ޒުވާން ތަރި، 19 އަހަރުގެ ލަމީން ޔަމާލްގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ފައިނަލްގައި އޭނާއަށް ކުޅެވޭނެތޯ އުފެދުނު ސުވާލުތަކަށް ކޯޗު ލުއިސް ޑެ ލާ ފުއެންޓޭ ވަނީ ޖަވާބު ދީފައެވެ. ކޯޗު ބުނީ ޔަމާލް މިހާރު ޓީމާއެކު ފަރިތަކުރުންތަކުގައި ބައިވެރިވެފައިވާ ކަމަށާއި، އޭނާ ހުރީ ފުރިހަމަ ފިޓްނަސްގައި ކަމަށެވެ. އަދި ޔަމާލްއަކީ ލިއޮނެލް މެސީއާ އަޅައިކިޔޭނެ ކުޅުންތެރިއެއް ނޫން ކަމަށާއި، އޭނާއަށް އޮތް އެންމެ ރަނގަޅު ގޮތަކީ އަމިއްލަ ކުޅުން ދެއްކުން ކަމަށް ކޯޗު ފާހަގަކުރިއެވެ.
މެޗާ މެދު މާ ބޮޑު ހާސްކަމެއް ނެތް ކަމަށް ބުނަމުން ކޯޗު ޑެ ލާ ފުއެންޓޭ ވަނީ މަޖާ ރޫހެއްގައި އޭނާ ބިރުގަންނަ ކަމެއް ހިއްސާކޮށްފައެވެ. އޭނާ ބުނީ ނިއު ޔޯކުން މީޑިއާ ބައްދަލުވުންތައް ނިންމާލުމަށްފަހު ނިއު ޖާޒީއަށް އެނބުރި ދާންޖެހެނީ ހެލިކޮޕްޓަރުގައި ކަމަށާއި، އެ ދަތުރާ މެދު އޭނާ ވަރަށް ބޮޑަށް ބިރުގަންނަ ކަމަށެވެ. ނަމަވެސް މެޗާ މެދު އޭނާ ހުރީ ވަރަށް ހަމަޖެހިގެން ކަމަށް ބުންޏެވެ.


