ގްރޭޓަރ މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމުތަކުގެ ވެރިފިކޭޝަން މަސައްކަތް ކުރަމުންދާ ކަމަށާއި، ފޯމުގައި ހިމެނޭ މަޢުލޫމާތު ޞައްޙަ ނޫންކަމަށް ފާހަގަވާ ފަރާތްތަތަކަށް އެކަން އެންގުމަށްފަހު، ފޯމު އަލުން ހުށަހެޅުމަށް 7 ދުވަހުގެ މުއްދަތެއް ދިނުމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ ކުރިއަށް ގެންދާއިރު، ހުށަހަޅާފައިވާ މަޢުލޫމާތުތަކާއި، އެ ވުޒާރާއަށް ސަރުކާރުގެ އިދާރާތަކާއި ކައުންސިލުތަކުން ފޮނުވާފައިވާ މަޢުލޫމާތުތަކަށް ރިޢާޔަތްކޮށް، އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުގައި ފުށުއެރުމެއްވާނަމަ އެކަން ”ބޯހިޔާވަހިކަން“ ޕޯޓަލް މެދުވެރިކޮށް އެޕްލިކަންޓަށް އެންގޭނެކަމަށެވެ.
އަދި، ޕޯޓަލްގައި އެޕްލިކޭޝަންއާ ގުޅިގެން އަންނަ ބަދަލުތަކާ ބެހޭ މަޢުލޫމާތު، އެޕްލިކަންޓު ފޯމު ފުރިހަމަކުރެއްވިއިރު ހިއްސާކޮށްފައިވާ މޮބައިލް ނަންބަރަށް އެސްއެމްއެސް މެދުވެރިކޮށް އެންގޭނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ އެ ވުޒާރާއަށް ދީފައިވާ މުއްދަތުގެ ތެރޭގައި ފާހަގަކޮށްފައިވާ މައްސަލައަށް ޖަވާބެއް ހުށަނާޅާނަމަ، އެ އެޕްލިކޭޝަން ޝަރުތު ހަމަނުވާ ނުވަތަ ހުށަހެޅި ލިޔެކިޔުން ފުރިހަމަނުވާ އެޕްލިކޭޝަނެއްގެ ގޮތުގައި ބެލޭނެކަމަށް ބަލަްއި އެއެޕްލިކޭޝަނެއް ބާޠިލްކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން އެޕްލިކޭޝަނާ ގުޅިގެން އެ ވުޒާރާއިން ފާހަގަކޮށްފައިވާ މައްސަލައަށް ޖަވާބު ހުށަހެޅުމަށް ބޭނުންކުރަންވާނީ ހަމައެކަނި ބޯހިޔާވަހިކަން ޕޯޓަލް އެކަނިކަމަށްވެސް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.


